ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ސަރުކާރުން ހިންގަވާ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން ހާމަކުރައްވައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަވާ ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން އިސްނަންގަވައިގެންނެވެ. ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ އެސިސްޓެންޓް ރައިހާނާ އަބްދުﷲ ވިދާޅުވީ، ސްޓެޕް ޕްރޮގްރާމްގައި ބައިވެރިވާން ސަތޭކައާ ގާތްކުރާ އަދަަަދަކަށް ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި، އެފަރާތްތަކާއި އިންޓަރވިއު ކުރެއްވުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައިހާނާ ވިދާޅުވީ، ޕްރޮގްރާމްގެ ބައިވެރިން ރިސޯޓުތަކުގައި ތަމްރީނު ހޯދުމަށް ފޮނުއްވަމުން ގެންދަވާ ކަަމަށެވެ.
މި ޕްރޮގްރާމްގައި ޢާންމުކޮށް ބައިވެރިންވާން ހުޅުއްވާލެއްވީ މިއަހަރުގެ އޯގަސްޓު މަހުގެ ބާރަވަނަ ދުވަހުއެވެ. ރައިހާނާ ވިދާޅުވީ، ޕްރޮގްރާމްގެ ތެރެއިން ރިސޯޓްތަކުގައި އެއް އަހަރާ ހަމަސްދުވަހުގެ މުއްދަތަކަށް ޒުވާނުން މަސައްކަތުގެ ތަޖުރިބާއާއި ހުނަރު ދަސްކުރާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ސްކޫލް މަރުޙަލާގައި ދަށް ނަތީޖާ ލިބޭ ކުދިންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށް، އެފުރުޞަތު ފަހިކޮށްދެއްވާ ޕްރޮގްރާމެެކެވެ. މި ޕްރޮގްރާމްގައި، ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވުމާއެކު އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ ކޮންމެ ޒުވާނަކަށް ބައިވެރިވެވޭނެއެވެ.
ފުޑް އެންޑް ބެވަރޭޖާއި، ހައުސް ކީޕިންގއާއި، ރެކްރިއޭޝަން ފަދަ ދާއިރާތަކުން ރިސޯޓްތަކުގައި ތިބެގެން ޒުވާނުންނަށް ހުނަރު ދަސްކޮށްދެވޭނެ ކަމަށް ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން ވިދާޅުވެއެވެ. މިއީ މި ޕްރޮގްރާމްގެ 4 ވަނަ ބުރެވެ. 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަވާ ސްޓެޕް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުކުރައްވައި ވަޒީފާގެ ބާޒާރަށް ނެރުއްވާފައިވެއެވެ.