ޚަބަރު

މިދިޔަ އަހަރު 11752 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިން


އެކި ކުށްކުށުގެ ތުހުމަތުގައި ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދަވާ މީހުން ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދަވާތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ހާޟިރުކޮށް އެމީހެއްގެ ބަންދާމެދު ގޮތެއް ކަނޑައަޅުއްވަންޖެހެއެވެ. މިގޮތަށް ކަންތައްކުރަންޖެހެނީ މައްސަލައިގެ ބާވަތުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރިއަށް ގެންދަންޖެހޭކަމަށް ފުލުހުންނަށް ފެންނަނަމައެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު 24 ގަޑިއިރަށްވުރެ ގިނައިރު ފުލުހުންގެ ބަންދުގައި ބެހެއްޓޭނީ ޝަރުޢީ ކޯޓަކުން އެގޮތަށް ކަނޑައަޅުއްވައިފިނަމައެވެ.

ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ އަހަރު އެކި މައްސަލަތަކުގައި 15006 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޝަރުޢީ ކޯޓްތަކަށް ހާޟިރުކޮށްފައިވެއެވެ. އޭގެތެރެއިން 11752 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރެއްވުމަށް 2015 ވަނަ އަހަރު ޝަރުޢީ ކޯޓްތަކުން ނިންމަވާފައިވެއެވެ. އެއީ ހާޒިރު ކުރި މީހުންގެ 78 އިންސައްތައެވެ. އެއީ ކްރިމިނަލް ކޯޓުން މުއްދަތު އިތުރު ކޮށްދިން 6993 މައްސަލައާއި، ޖުވެނައިލް ކޯޓުން މުއްދަތު އިތުރުކޮށްދިން 461 މައްސަލައާއި، މެޖިސްޓްރޭޓް ކޯޓުތަކުން މުއްދަތު އިތުރުކޮށްދިން 4298 މައްސަލައެވެ. 

2015 ވަނައަހަރު ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ޙާޞިރު ކުރި މީހުންގެ ތެރެއިން ބަންދަށް މުއްދަތު އިތުރުކޮށް ނުދެއްވާ ކޯޓުން ދޫކޮށްލައްވާފައިވަނީ 3331 މީހުންނެވެ.

2015 ވަނައަހަރުގެ ތެރޭގައި ބަންދަށް މުއްދަތު ޖެހުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެކޯޓަށް 8795 މައްސަލަ ހުށަހަޅާފައިވާއިރު، ޖުވެނައިލް ކޯޓަށް 597 މައްސަލަ، އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 5614 މައްސަލަ ހުށަހަޅާފައިވެއެވެ.

ކުށްކުށަށް ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމެވުމަށްޓަކައި ހުށަހަޅާ މައްސަލަތަކުގައި އެފަރާތެއް ބަންދުގައި އިތުރަށް ބެހެއްޓެވުމާމެދު ޝަރުޢީ ކޯޓުތަކުން ގޮތެއް ނިންމަވާނީ ޤާނޫނުއަސާސީއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައިވާ އުސޫލުތަކަށް ރިޢާޔަތްކުރައްވައެވެ. އެގޮތުން ތުހުމަތު ކުރެވިފައިވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމަވާނީ އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެކަމަށް ނުވަތަ ފިލާފާނެ ކަމަށްޓަކައެވެ.

އެފަދަ ސަބަބެއް އޮތް ނަމަ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިވަޑައިގެންފައިވެއެވެ.