ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި 444 ވޯޓް ފޮށި ބަހައްޓާނެ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްލަ 444 ވޯޓުފޮށި ބަހައްޓަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ. އެކޮމިޝަނުން ވިދާޅުވީ، އަންނަ ޖެނުއަރީ މަހު ބާއްވަވާ މިއިންތިޚާބުގައި މާލޭގައި ބަހައްޓަވާނީ 132 ވޯޓުފޮށި ކަމަށާއި، އަތޮޅުތެރޭގައި ބަހައްޓަވާނީ 312 ވޯޓު ފޮށި ކަމަށެވެ. 200 ކައުންސިލަކަށް ޖުމްލަ 653 ކައުންސިލަރުން ޢައްޔަންކުރަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 14 ވާ ހޮނިހިރު ދުވަހުއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރަން ހަމަޖެހިފައިވަނީ 179 ރަށު ކައުންސިލަކަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުންނެވެ. އަދި 3 ސިޓީ ކައުންސިލަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރައްވާނެއެވެ. ކުރިން ބޭއްވެވި ލޯކަލް ކައުންސިލް އިންތިޚާބުތަކާއި ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ތިންހާހުން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ތިން ކައުންސިލަރުން އިންތިޚާބުކުރާއިރު ތިންހާހަށްވުރެ މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް އިންތިހާބުކުރާނީ ފަސް ކައުންސިލަރުންނެވެ. އެހެންކަމުން މުޅި ރާއްޖެއިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލް އޮންނާނީ 13 ރަށެއްގައެވެ.

މިފަހަހަރުގެ އިންތިޚާބުގައި އަތޮޅު ކައުންސިލްތަކަށް ކައުންސިލަރުން ހޮއްވެވުމުގައިވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، ރައްޔިތުން މަޖިލިސް ތަމްސީލުކުރާ 3 ދާއިރާއަށްވުރެ މަދު އަތޮޅުތަކުގައި އިންތިޚާބު ކުރާނީ، މުޅި އަތޮޅުން ވޯޓުލައިގެން 3 މެންބަރުންނެވެ. އެއީ ވ.އއ.މ.ފ.ދ. މި 5 އަތޮޅެވެ. 

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައްވާފައިވާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ފަނަރަސަތޭކަ ރުފިޔާ ދައްކަންޖެހެއެވެ. އިންތިޚާބާއި ބެހޭ ޤާނޫނުގައިވާ ގޮތުން،  އިންތިޚާބުގައި ވޯޓުދޭ މީހުންގެ ދިހައެއް އިންސައްތަ ވޯޓް އެމީހަކަށް ލިބިއްޖެނަމަ އެމީހަކު ކައުންސިލްކަމަށް އިންތިޚާބު ނުވިނަމަވެސް ޑިޕޮސިޓްގެ ގޮތުގައި ދެއްކިފައިސާ އަނބުރާ އެމީހަކަށް ލިބޭނެއެވެ.

ވޯޓުލުމަށްޓަކައި ބޭނުންކުރާނީ ސަލާމަތީ ސިފަތައް އެކުލެވޭ ވޯޓު ކަރުދާސްކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ. އީ-ވޯޓިން ސިސްޓަމް މިފަހަރު ބޭނުންނުކުރައްވާ ގޮތަށް ނިންމެވީ، ސިޔާސީ ޕާޓީ ތަކާއި ޤައުމީ ލަފާދޭ ކޮމެޓީތަކުގެ މަޝްވަރާގެ މަތިން ކަމަށާއި، ޓެކްނޮލޮޖީ އަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތައް ތައްޔާރުވުމުގެ ފުރުސަތު ދެއްވުމަށް ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. ވޯޓްލާ މީހުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލެއްވި މުއްްދަތުގައި ޖުމްލަ 563 ޝަކުވާ ހުށަހަޅާފައިވެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުން ތަމްރީންކުރެއްވުމާއި، ރީ-ރެޖިސްޓަރޭޝަންގެ މަސައްކަތް ކުރިއަށްގެންދަވާނީ ބާޖަމާލުއްދީންގައި ޤާއިމްކުރައްވާ އިންތިޚާބީ މަރުކަޒުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުގެ ދައުވަތަށް ދުނިޔޭގެ އިލެކްޝަންއާއި ބެހޭ ޖަމިއްޔާއިންނާއި ސަރަހައްދީ އިލެކްޝަން ކޮމިޝަންތަކުން އިންތިޚާބު އޮބްޒާރވްކުރުމުގައި ބައިވެރިވާނެެއެވެ.