ވިޔަފާރި

ހުޅުމާލެ އެމްޕީއެލް ބަނދަރު އިތުރަށް ތަރައްޤީކުރަނީ


ހުޅުމާލެއާއި މާލެ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުމުން ހުޅުމާލޭގެ މުދާ ބާލާ ބަނދަރަށް ބާރު ބޮޑުވެގެންދާނެތީ އެކަމަށް ޙައްލެއް ހޯދުމަށް އެމް.ޕީ.އެލްއާއެކު މަޝްވަރާކުރަމުންދާކަމަށް އެޗް.ޑީ.ސީން ބުނެފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ބްރިޖާއެކީ ގްރޭޓަރ މާލެ ރީޖަންއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. މިހާރުވެސް ހުޅުމާލޭގައި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިގަމުންދާއިރު ކުރިޔަށް އަންނަ ހުރި ޕްރޮޖެކްޓަކާއިއެކު ހުޅުމާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެގެންދާނެކަން ސައިމަން ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިޔުމުން ގޭގެއަށް ބޭނުންވާ މުދަލާއި، އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ފަސޭހަކަމާއި އެކު ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޕޯޓް އޭރިޔާ ތަރައްޤީކުރުމުގެ އެގްރިމަންޓްތަކެއްގައި މިހާރުވެސް ސޮއިކުރެވިފައިވާކަން ސައިމަން ފާހަގަކުރެއްވިއެވެ.

މިގޮތުން އެތަނަށް ބޭނުންވާ ވެހިކަލްތަކާއި އެތަން ތަރައްޤީކުރުމަށްޓަކާ އެޗް.ޑީ.ސީން ކޮށްދެވޭނީ ކޮންކަންތައްތަކެއްތޯ ބެލުމުގެ ގޮތުން އެމް.ޕީ.އެލްއާއި މަޝްވަރާ ކުރަމުންދާކަމަށްވެސް ސައިމަން ވިދާޅުވިއެވެ.