ހުޅުމާލޭ ރެހެންދި ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.
ރެހެންދި ސްކޫލްގެ މިދިޔަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ފާއިތުވި އަހަރު އެ ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުންދެއްވާފައެވެ. ގްރޭޑް އަށެއްގެ ކްލާސްތަކުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި ޔުނީފޯމް ހަރަކާތްތަކުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވެސް މިޖަލްސާގައި އިނާމާއި ހަނދާނީ ލިޔުން ދެއްވިއެވެ.
ރެހެންދި ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު ވިދާޅުވީ ރެހެންދި ސްކޫލަކީ ދިވެހި ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ސްކޫލެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން އެއްރަށުން އަނެއްރަށަށް ހިޖުރަކުރަމުންދާ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައިވަނީ ތައުލީމު ހޯދުން ކަމަށާއި ރާއްޖެއިން ބޭރަށް ހިޖުރަކުރާ މީހުންގެ ހިޖުރަކުރުންވެސް ބިނާވެފައިވަނީ ތައުލީމު ހޯދުމަށް ކަން ޝަފީއު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވިދާޅުވީ އެސްކޫލުން އަމާޒުކުރަނީ އަންނަ އަހަރު ކޭމްބްރިޖް އިމްތިހާނު ހަދާ ދަރިވަރުން މިނިސްޓްރީން ކަނޑައަޅުއްވާފައިވާ މިންގަޑަށް ވާސިލުކުރެއްވުމަށް ކަމަށެވެ.
ފަނަރަސަތޭކަ ކުދިންނަށް އެއްފަހަރާ ތައުލީމު ހާސިލްކުރެވޭ ގޮތަށް ޢިމާރާތްކުރައްވާފައިވާ ރެހެންދި ސްކޫލުގައި ސާޅީސް ހަތަރު ކުލާސްރޫމް ހުންނައިރު، އެންމެ ޒަމާނީ ފެންވަރުގެ ލެބޯޓްރީތަކާއި ލައިބްރަރީއެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއްވެސް ހިމެނެއެވެ.
ރެހެންދި ސްކޫލުގައި ގްރޭޑް އަށަކާއި ހަމަޔަށް ކިޔަވައިދޭއިރު އެސްކޫލުގައި މިދިޔަ އަހަރު 905 ކުދިން ތައުލީމު ހާސިލްކޮށްފައިވާ ކަމަށް އެ ސްކޫލުން ވިދާޅުވެއެވެ. އަންނަ އަހަރު ފައުންޑޭޝަނުން ފެށިގެން ގްރޭޑް ދިހައަކަށް ކިޔަވައިދެއްވަން ނިންމަވާފައިވާ ކަމަށާއި މިހާރު އެ ސްކޫލްގައި 1324 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ކަމަށް ރެހެންދި ސްކޫލުން ވިދާޅުވިއެވެ.