މާސްޓާސް އެތުލެޓިކްސް މޯލްޑިވްސް ކްލަބުން ވޯލްޑް މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.
ސައުތު ކޮރެއާގެ ޑިއޭގޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްގެ ރައީސް ޢަލީ ރައީފް ވިދާޅުވީ މި މުބާރާތަކީ މާސްޓާސްގެ އެންމެ ބޮޑު މުބާރާތްކަމަށެވެ. ދުނިޔޭގެ ކަންކޮޅުތަކުން 90 ވަރަކަށް ޤައުމުން ހަތްހާހަށްވުރެ ގިނަ އެތުލީޓުން މިމުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާކަމަށް ރައީފް މައުލޫމާތުދެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ ކޮރެއާގެ ޑެއިގޫގައި އޮތް ވޯލްޑް މާސްޓާސްއަށް ޓީމެއް ގޮވައިގެން ދާން. ޓީމުގައި ހިމެނޭނީ ދެ އަންހެން އަދި ދެ ފިރިހެން އެތްލީޓުން. މިހާރު މުބާރާތުގެ ތައްޔާރީތަކުގެ ކަންކަންވަނީ ނިމިފަ. މާސްޓާސް މުބާރާތެކޭ ބުނީމަ، މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު މާސްޓާސް މުބާރާތް. ގާތްގަނޑަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްހާހަށްވުރެ ގިނަ އެތްލީޓުން ވާދަކުރޭ" ރައީފް ވިދާޅުވިއެވެ.
ސައުތު ކޮރެއާގެ ޑިއޭގޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްގެ ފަރާތުން ޤައުމު ތަމްސީލުކުރާނީ ހަތަރު އެތުލީޓެކެވެ. އެއީ މުހައްމަދު އާމިރް، ހުސްނާ މުހައްމަދު، ނާފިޒާ އަހްމަދުގެ އިތުރުން މުހައްމަދު ރަޝީދުއެވެ. މި އެތުލީޓުންނަކީ މީގެ ކުރިންވެސް މާސްޓާސް މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދާފައިވާ އެތުލީޓުންތަކެއްކަން ފާހަގަވެއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ސްކޮޑުން ގިނަ ދުވަސްތަކެއްވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތާ މެދު ކުރެވޭ އުންމީދު ބޮޑުކަމަށް ރައީފް ވިދާޅުވިއެވެ. ރާއްޖޭގެ އެތުލީޓުން ތިބީ މިހާރު ފުރިހަމައަށް ތައްޔާރުވެފައިކަމަށް ރައީފް މައުލޫމާތުދެއްވިއެވެ. މިމުބާރާތަކީ މާސްޓާސްގެ އޮލިމްޕިކް އޭ ބުނެވިދާނެކަމަށާއި މުބާރާތާ ކުރިމަތިލަނީ ރަނގަޅު ވަނަތަކެއް ހޯދުމުގެ އަޒުމުގައިކަމަށް ވެސް ރައީފް ވިދާޅުވިއެވެ.
"ތައްޔާރީތައްދަނީ ވަރަށް ރަނގަޅަށް. އެ އެތުލީޓު އެ އެތުލީޓެއްގެ އިވެންޓުތައް ނަގައިގެން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ދަނީ. މިއީ މާސްޓާސްގެ އޮލިމްޕިކްސްއޭ ބުނެވިދާނެ. އިރާދަކުރެއްވިއްޔާ އުންމީދަކީ ރަނގަޅަށް ދިއުން. ފުރަތަމަ ފަހަރަށް ރާއްޖެއިން މިވަރު ބޮޑު މުބާރާތެއްގައި މާސްޓާސް ކެޓަގަރީއިން މި ވާދަކުރަނީ" ރައީފް ވިދާޅުވިއެވެ.
ރައީފް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް މޮޅެތި މާސްޓާސް އެތުލީޓުން އެބަތިބިކަމަށެވެ. އަދި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާ އެ އެތުލީޓުން ޤައުމު ތަމްސީލުކޮށް ރަނގަޅު ވަނަތަކެއް ހޯދިދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގައި ވާދަކުރާއިރު، ކުޅިވަރު ކޮމިޝަނާއި ކުޅިވަރު ވުޒާރާގެ އިތުރުން އޮލިމްޕިކް ކޮމިޓީއިންވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭކަމަށާއި އެހެންކަމުން އެފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް ރައީފް ވިދާޅުވިއެވެ.
ވޯލްޑް މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ޑިއޭގޫ 2026 ކުރިއަށްދާނީ މިމަހުގެ 22 އިން އަންނަމަހުގެ 03 ގެ ނިޔަލަށެވެ. ރާއްޖޭގެ ކުޅުންތެރިން މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.