ދެކުނު ލުބުނާނުގެ މައި ހައިވޭއެއްގައި ޔަހޫދީ ދައުލަތުަގެ ދިދަތައް ޖަހާފައި ހުރުމަކީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކާ ޚިލާފު ޢަމަލެއް ކަމަށް ލުބުނާނުގައި ޙަރަކާތްތެރިވާ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުން ބުނެފިއެވެ.
މި އަހަރުގެ ކުރީކޮޅު ޔަހޫދީން ލުބުނާނުގެ ޙިޒްބުاللهއާ ކުރި ހަނގުރާމައެއްގައި ދެކުނު ލުބުނާނުގެ ބައެއް ސަރަޙައްދުތައް ވަނީ ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ސަރަޙައްދުތަކަކީ ޔަހޫދީންގެ ސަލާމަތީ ޒޯންތަކެއް ކަމަށް ޔަހޫދީން ވަނީ އަމިއްލައަށް ކަނޑައަޅައިފައެވެ.
ދެކުނު ލުބުނާނުގެ އަލްނާޤޫރާ ޞޫރު މަގުގައި ޔަހޫދީ ދައުލަތުގެ ދިދަ ޖަހާފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް ޔަހޫދީ ނޫސްވެރިއަކު ވަނީ އާންމުކޮށްފައެވެ. އެ މަގަކީ ދެކުނު ލުބުނާނުގެ މައި މަގެކެވެ. އަދި ލުބުނާނުގައި ޙަރަކާތްތެރިވާ އދގެ އިބްތިދާޢީ ފައުޖު، ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯސް އިން ލެބަނަން (ޔުނިފިލް)އިން އާންމުކޮށް ބޭނުންކުރާ މަގެކެވެ. އެ ވީޑިޔޯ ނަގާފައިވާ ކަމަށް ބެލެވެނީ ޔަހޫދީންގެ އަސްކަރީ އުޅަނދެއްގެ ތެރޭގައި އިނދެގެންނެވެ.
ޞުލްޙަ ބަލަހައްޓާ ފައުޖުގެ ސިފައިން ވަނީ ލުބުނާނުގެ އެކި ސަރަޙައްތުގަކުގައި މި ގޮތަށް ޔަހޫދީ ދައުލަތުގެ ދިދަ ނަގާފައި ހުަންނަ ކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. މި ގޮތަށް ދިދަ ނެގުމަކީ އދގެ ސަލާމަތީ މަޖިލީހުގެ 1701ވަނަ ޤަރާރާ ޚިލާފު ޢަމަލެއް ކަމަށް ޔުނިފިލްގެ ތަރުޖަމާނު، ކެންޑައިސް އާރްދީލް ފާހަގަކުރެއްވިއެވެ. އެ ޤަރާރުގެ ސަބަބުން ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު 2006ވަނަ އަހަރު ކުރަމުން ދިޔަ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ.
އާރްދީލް ވަނީ އެ ޤަރާރާ ޚިލާފަށް ޢަމަލު ނުކުރުމަށް ޔަހޫދީ އަސްކަރިއްޔާއަށް ގޮވާލައިފައެވެ. އަދި މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުމަށް މަގުފަހިވާ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ވެސް ޔަހޫދީންނަށް ބާރުއަޅުއްވާފައިވެއެވެ.
އެމެރިކާ މެދުވެރިވެ ޔަހޫދީންނާއި ލުބުނާނުގެ ސަރުކާރުން ވަނީ ޔަހޫދީ ސިފައިން ލުބުނާނުން ފައިބަންޖެހޭ ފަދަ އެއްބަސްވުމެއް މީގެ ކުރިން އެކުލަވާލައިފައެވެ. ނަމަވެސް ޔަހޫދީން ދަނީ ލުބުނާނުން ޔަހޫދީ ސިފައިން ބޭލުމަށް ދެކޮޅު ހަދަމުންނެވެ. ޔަހޫދީން ބުަނަމުން ދަނީ ޙިޒްބުاللهއިން ހަތިޔާރު ނުބަހައްޓާހާ ހިނދަކު ޔަހޫދީ ސިފައިން ލުބުނާނުން ނުަފައިބާނެ ކަމަށެވެ.
ނަމަވެސް ލުބުނާނުގެ ސަރުކާރުން ޔަހޫދީންނާއެކު ކުރަމުންދާ މަޝްވަރާތައް ޙިޒްބުاللهއިން ކުށްވެރިކުރެއެވެ. ޙިޒްބުاللهއިން ދަނީ ޔަހޫދީ ސިފައިން ލުބުނާނުން ނުފައިބާހާ ހިނދަކު ހަތިޔާރު ބެހެއްޓުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ބުނަމުންނެވެ.