ކުޅިވަރު

އޮފީސް، ކުންފުނިތަކުގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދައިފި


އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އިމިގްރޭޝަން ހޯދައިފިއެވެ. 

މިމުބާރާތުގެ ޗެމްޕިއަންކަން އިމިގްރޭޝަން ހޯދީ ފައިނަލްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ވާދަކޮށް 53 ޕޮއިންޓް 25 ޕޮއިންޓުންނެވެ. މުބާރާތުގެ 2ވަނަ ރަނަރއަޕް ޓީމަކީ ވޭތުވެދިޔަ އަހަރު ފައިނަލްގައި ވާދަކުރި ބޭންކް އޮފް މޯލްޑިވްސްއެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށްދިޔަ ކުޅުންތެރިންނަށާއި ޓީމްތަކަށްވަނީ ތަށްޓާއި މެޑެއްޔާއި ހަނދާނީ ލިޔުން ދީފައެވެ. 

މިމުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އިމިގްރޭޝަންގެ މަރިޔަމް މިރުފަތު، ނަޝްފާ އާމިރާ، ފާތިމަތު ރިޝްމާ، ފަދުވާ ޒާހިރު، ރަނަރއަޕް އެމްއެންޑީފްގެ އަމީނާ އަލީ، ލަޔާން ޢަލީ ރަޝީދު އަދި ބީއެމްއެލްގެ އައިމިނަތު ލީލާއެވެ. މިފަހަރުގެ މުބާރާތަކީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު އޮފީސްތަކާއި ކުންފުނިތަކުން ބައިވެރި ޓީމްތަކުގެ ފެންވަރު ވަރަށް ބޮޑުތަން މަތިކަން ފާހަގަކުރެވޭ މުބާރާތެއް ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.