ކުޅިވަރު

މިސަރުކާރުން އެއްވެސް ޒުވާނެއް ބާކީއެއް ނުކުރާނެ - ޔޫތު މިނިސްޓަރ


ކިތަންމެ ކުޑަ އާބާދީއެއް އޮތްނަމަވެސް މި ސަރުކާރަކުން އެއްވެސް ޒުވާނެއް ބާކީ ނުކުރާނެކަމަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިހެން ވިދާޅުވީ ރ.ރަސްގެތީމުގައި ފުޓްސަލް ދަނޑުހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރަސްގެތީމުގައި އިއްޔެ ހަވީރު ބަށިކޯޓް ހުޅުއްވައިދެއްވައި، އަދި މިރޭ ފުޓްސަލްދަނޑު ހުޅުއްވައިދެއްވީވެސް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބަށިކޯޓަށް ލައްކައެއްހާ ރުފިޔާ ޙަރަދުވިއިރު ފުޓްސަލް ދަނޑަށް ސަރުކާރުން ވަނީ މިލިއަނަކަށްވުރެ ރުފިޔާ ޚަރަދުކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14776797518527.jpg|ރ.ރަސްގެތީމު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ/ޔޫތު މިނިސްޓްރީ

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިރުތިޝާމް ވަނީ މި ސަރުކާރުން ޒުވާނުންނަށް ހާއްސަކަމެއް ބަހައްޓަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާތަކާއި އަދި މުނިފޫހިފިލުވުމަށް ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތަކެއް މި ސަރުކާރުން ގާއިމްކޮއްދެވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ކުށްކުރުން މަދުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޅިވަރުގެ ރޮނގުން ޒުވާނުން ބިނާކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުގެ ފަންނީ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 61 ކޯހެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާފައިވާކަން މިނިސްޓަރ ވަނީ މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.