ސިއްހަތު

އޭޑީކޭ ހޮސްޕިޓަލުން ޞިއްޙީދާއިރާގެ ޚާއްސަ ކޯސްތަކެއް ފަރުމާކުރަނީ


އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ތަރައްޤީކޮށް، ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭރުގެ ޔުނިވަރސިޓީތަކާއި ގުޅިގެން ޞިއްޙީ ދާއިރާއަށް ޚާއްސަ ކޯސްތަކެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ޕީއެސްއެމްއަށް ދިން ޚާއްޞަ އިންޓަރވިއުއެއްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ، ޞިއްޙީ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ ކޯސްތަކަކީ، ރާއްޖޭގެ ކަމާއިބެހޭ އިދާރާތައް ޤަބޫލްކުރާ ފެންވަރުގެ ކޯސްތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި، މެޑިކަލް ޓެކްނީޝަނުންނާއި ނަރުހުން އަދި ޞިއްޙީ ދާއިރާގެ އެހެން މަސައްކަތްތެރިންނަށް އަމާޒުކޮށްފައިވާ މި ކޯސްތައް ފަރުމާ ކުރުމުގައި، ބޭރުގެ ޔުނިވަރސިޓީތަކުގެ އެހީތެރިކަން ހޯދުމުންދާ ކަމަށް އަފްޢާލް ވިދާޅުވިއެވެ.

އޭ.ޑީ.ކޭ. ހޮސްޕިޓަލުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމަށް އެ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، ތަފާތު ދާއިރާތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ސްޕެޝަލިސްޓުންނާއި ސުޕަރ-ސްޕެޝަލިސްޓުންގެ ޚިދުމަތްތައް އެ ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.