ސިއްހަތު

"ފީލް ސްރީލަންކާ" މައުރަޒަށް ވަރަށް ބޮޑު ތަރުޙީބެއް ދަނީ ލިބެމުން


މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "ފީލް ސްރީލަންކާ" މައުރަޒަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް، މި މައުރަޒު އިންތިޒާމް ކުރާ އިނަރ މޯލްޑިވްސްއިން ބުނެފިއެވެ.

ފީލްސް ސްރީލަންކާ އެގްޒިބިޝަންގައި ޤާއިމް ކުރެވިފައިވާ ހޮސްޕިޓަލުތަކުގެ ސްޓޯލް ތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު މިއަދު ޒިޔާރަތްކުރި ސްޓޯލަކީ، ނަވަލޯކާ ހޮސްޕިޓަލްގެ ސްޓޯލްކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މިހާރު ލިބެންނެތް ސުޕަރ ސްޕެޝަލިޓީ ގިނަ ޚިދްމަތްތަކެއް ހޯދުމަށް ދިވެހިން ގޮސް އުޅޭ ނަވަލޯކާ ހޮސްޕިޓަލުން ދިވެހިން މިހާރު އެންމެ ގިނައިން ޚިދްމަތް ހޯދަމުން ދަނީ ދަރިމައިވުމުގެ މައްސަލަތަކާއި، ނާރުގެ މައްސަލަތަކަށް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެގްޒިބިޝަންގެ ތެރެއިން ނަވަލޯކާ ހޮސްޕިޓަލުން ވަނީ ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލާފައެވެ.

އެގްޒިބިޝަންގެ ތެރެއިން ފާހަގަކޮށްލެވުނު އަނެއް ހޮސްޕިޓަލަކީ ލަންކާ ހޮސްޕިޓަލްސްއެވެ. އެ ހޮސްޕިޓަލުން ބުނާ ގޮތުގައި މަހެއްގެ މައްޗަށް 1،000 ދިވެހިން އެ ހޮސްޕިޓަލުން ފަރުވާ ހޯދައެވެ. ގިނައިން ދިވެހިން ފަރުވާ ހޯދަމުންދާ ބަލިތަކުގެ ގޮތުގައި، ކެންސަރުގެ ފަރުވާ، ހިތުގެ ފަރުވާ އަދި ބޯންމެރޯ އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 15 ދިވެހިން އެ ހޮސްޕިޓަލަށް ދައްކާއިރު، އެންމެ އިސްކަމެއް މިހާރު ދެނީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުންކަމުގައި އެހޮސްޕިޓަލުން ބުނެއެވެ.

އެގްޒިބިޝަނުން ފާހަގަ ކުރެވުނު އެއްކަމަކީ، ރާއްޖޭގައި ލިބެން ނެތް އެއްފަރުވާ ކަމަށްވާ ދަރިމައިވުމުގެ ފަރުވާއަށް ގިނަ ސްޓޯލްތަކުން އިސްކަންދީފައިވާ ކަމެވެ. ވަކިން ޚާއްޞަކޮށް، މި އެގްޒިބިޝަންގައި މިކަމަށް ޚާއްޞަ އިންޑިޔާގެ ނަން މަޝްހޫރު ދެ ހޮސްޕިޓަލެއް ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން އެއްތަނަކީ އާރކް އިންޓަނޭޝަނަލްއެވެ. އެތަނުން މިހާތަނަށް 250 މީހުން ފަރުވާ ހޯދާފައިވާކަން ފާހަގަކޮށް، އަދިވެސް އިތުރު އެހީ ދިވެހިންނަށް ދޭން ބޭނުންވާތީ މި އެގްޒިބިޝަންގައި ބައިވެރިވީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިންޑިއާގެ ޗެއްނާއީގެ މަޝްހޫރު ޕްރަޝާންތް ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލްސްގައިވެސް ދަރިމައިވުމުގެ މައްސަލައަށް 300 ދިވެހިން ފަރުވާހޯދާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެގްޒިބިޝަންގައި ބައިވެރިވީ، ދިވެހިންނަށް ހުރި ފުރުޞަތުތައް ކިޔައިދީ ދިވެހިންނަށް އެހީވުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އެހޮސްޕިޓަލުގެ އަމާޒަކީ ރާއްޖޭގައި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި މި ޚިދްމަތް ޤާއިމް ކުރާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

މީގެ އިތުރުންވެސް ސްރީލަންކާގެ ހަކީމީ ބޭހަށް މަޝްހޫރު ސިއްދާލޭޕާ އަޔުވޭދާ ހޮސްޕިޓަލުންވެސް ވަނީ އެ ހޮސްޕިޓަލުން ދޭ ފަރުވާއާއި އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ބޭނުންކުރާ ހަކީމީ އުފެއްދުންތައް އެކްޒިބިޝަންގައި ދައްކާލާފައެވެ.

މި އެގްޒިބިޝަން އިންތިޒާމްކުރާ އިނަރ މޯލްޑިވްސް އިން ބުނާ ގޮތުގައި، ޞިއްޙީ ދާއިރާއަށް ޚާއްޞަކޮށްފައިވާ އެގްޒިބިޝަންއަށް ލިބުނު ތަރުހީބު ބޮޑެވެ. އެ ކުންފުނިން ބުނީ އުންމީދަކީ، ފީލް-ސްރީލަންކާ އެގްޒިބިޝަނަކީ އަހަރީ ޙަރަކާތެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ.