76 މިލިއަން ޔޫރޯގެ ފީ އަކަށް މެންޗެސްޓާ ސިޓީން ސްޕޭނުގެ ބާސެލޯނާ އަށް މިޑްފީލްޑަރު ރޮޑްރީ ވިއްކާލަން ނިންމައިފި އެވެ.
ދިގު ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު ސިޓީން ސްޕޭނުގެ ކެޕްޓަން ދޫކޮށްލަން އެއްބަސްވީ ބާސެލޯނާއިން ދެ ފަހަރު މަތިން ހުށަހެޅި އަގަށް ނޫނެކޭ ބުނުމަށް ފަހު އެވެ. ރޮޑްރީ ގަތުމަށް ބާސެލޯނާއިން ފުރަތަމަ ހުށަހެޅީ 50 މިލިއަން ޔީރޯ އަދި ދެ ވަނަ ފަހަރު 60 މިލިއަން ޔޫރޯ އެވެ. ނަމަވެސް ސިޓީން ޑިމާންޑް ކުރަމުންދިޔައީ މަދުވެގެން 80 މިލިއަނަށް ނޫނީ ކުޅުންތެރިޔާ ނުވިއްކާނެ ކަމަށެވެ.
ސިޓީއާއެކު ރޮޑްރީ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުމާއެކު ކުޅުންތެރިޔާ ވެސް ދިޔައީ އޭނާ ވިއްކާލަން ކުލަބަށް ބާރު އަޅަމުންނެވެ. ރޮޑްރީ ބާސެލޯނާ އިހްތިޔާރު ކުރީ ވާދަވެރި ރެއާލް މެޑްރިޑުން ވެސް އޭނާ ގަތުމަށް ބޭނުންވެފައި ތިއްބަ އެވެ.
ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުގައި ރޮޑްރީ މިއަދު ނޫނީ މާދަމާ ބާސެލޯނާ އަށް ގޮސް މެޑިކަލް ފުރިހަމަ ކުރާނެ އެވެ. އަދި ބުދަ ދުވަހު ކުޅޭ ގެމްޕާ ޓްރޮފީ މެޗުގެ ކުރިން އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ތައާރަފް ކުރާނެ އެވެ. އޭނާ ބާސެލޯނާ އަށް ސޮއި ކުރާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ރޮޑްރީ ވެގެންދާނީ މި ސީޒަނަށް ބާސެލޯނާ އަށް ގެންދާ ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. އޭގެ ކުރިން އެ ޓީމުން ވަނީ އިނގިރޭސި އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން އާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅުނު ކަރީމް އަޑެޔޭމީ އާއި ސައޫދީ އަރަބިއާގެ އަލް ހިލާގެ ޕޯޗުގަލް ޑިފެންޑަރު ޔާއޯ ކަންސެލޯ ވެސް ގެންގޮސްފަ އެވެ. މީގެ ތެރެއިން ކަންސެލޯ އަކީ ހުސްވި ސީޒަގެ ފަހު ބައިގައި ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ދާއިމީކޮށް ބާސެލޯނާ އަށް ގެންނަން ނިންމީ މިދިޔަ ސީޒަނުގެ ކުޅުމަށް ބަލާފަ އެވެ.
މީގެ އިތުރުން ބާސެލޯނާއިން މަސައްކަތް ކުރަނީ އެތްލެޓިކޯ މެޑްރިޑަށް އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގަތުމަށެވެ.
ކޯޗު ހަންސީ ފްލިކް ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާ ކުރާ މަސައްކަތާ މެދު ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ.
"މި ހަފުތާގައި ޓީމާ އަލަށް ކުޅުންތެރިންތަކެއް ކުޅޭނެ. އަހަރެން މިހުރީ މެނޭޖްމަންޓޫން ޓީމު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތާ މެދު ހިތްހަމަ ޖެހިފައި. މިދިޔަ ސީޒަނަށްވުރެ އަހަރުމެންގެ ކުރިއެރުން ރަނގަޅުވާނެ،" ފްލިކް ބުންޏެވެ.