ޚަބަރު

ފިޔަވަތީ ހިޔާގައި ބަލަހައްޓަމުން ގެންދަނިކޮށް ނިޔާވި ކުއްޖާ


ފިޔަވަތީ ހިޔާގައި ބަލަހައްޓަމުން ގެންދަނިކޮށް ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހަދާ ނިމުމަށް ފަހު އެކުއްޖާގެ ޖަނާޒާ ރޭ ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިކުއްޖާގެ މަރުގެ ތަހްޤީގަށް ބޭނުންވާ އިތުރު މަޢުލޫމާތު ހޯދާ، ތަހުޤީގު ފުރިހަމަ ކުރުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމަށް ފަހު އެ ކުއްޖާގެ ހަށިގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރާއްޖޭ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަދި އެކުއްޖާގެ ޖަނާޒާ ޢާއިލާގެ ބައިވެރިވުމާއިއެކު، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޖެންޑަރ މިނިސްޓްރީ ގުޅިވަޑައިގެން ރޭގެ ވަގުތެއްގައި ބާއްވަވާފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިނިސްޓްރީން ވިދާޅުވީ، ޕޯސްޓް-މޯޓަމްގެ ނަތީޖާ ލިބުމާއެކު، މިކަމުގައި މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ. މި މަހުގެ 17 ވަނަ ދުވަހު ދައުލަތުގެ ބެލެހެއްޓުވުމުގެ ދަށުގައި ހުޅުމާލެ ފިޔަވަތި ހިޔާގައި ހުއްޓާ ނިޔާވެފައިވަނީ އުމުރުން 5 މަހުގެ ފިރިހެން ކުއްޖެކެވެ.

މިކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ކަމާއި ގުޅުން ހުރި ތިން ދާއިރާއަކުން ވަކި ވަކިން ތިން ތަހްޤީގެއް ކުރިއަށް އެބަގެންދަވައެވެ. އެއީ، މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި މި މައްސަލަ ތަޙުޤީޤު ކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއެކެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކުއްޖާގެ މަރާއި ގުޅިގެން ކަމާއި ގުޅުންހުރި ތަންފީޒީ އިދާރާތަކާއި މުއައްސަސާތަކުން ކުރިއަށް ގެންދަވާ ތަހްޤީގުތަކަށް އެ މިނިސްޓްރީން ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މި ހުރިހާ ތަހްޤީޤެއް ނިމުނުހާ އަވަހަކަށް މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށެވެ.