ސިއްހަތު

އެމްބިއުލާންސް ހޯއްދެވުމުގެ މަޝްރޫޢުގެ ދަށުން %90 ރަށަށް


ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒަތަކަށް ބޭނުންވާ އެމްބިއުލާންސް ހޯއްދެވުމުގެ މަޝްރޫޢުގެ ދަށުން، 90 އިންސައްތަ އަށްވުރެ ގިނަ ރަށަށް އެ ޚިދުމަތް ފޯރުކޮށްދެވިއްޖެ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްބިއުލާންސް ގެންނެވުމުގެ މަސައްކަތް ސަރުކާރުން ޙަވާލު ކުރައްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއެވެ. ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދެއްވުމަށް ސަރުކާރުން އަތޮޅުތަކުގައި ހިންގަވާ ޞިއްޙީ މަރުކަޒުތަކަށް ބަލި މީހުން އުފުލުމަށްޓަކައި ބޭނުންވާ އެމްބިއުލާންސްތައް ހޯއްދެވުމުގެ ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިކަމުގެ އެންމެ ބޮޑު އަމާޒަކި އެކަށީގެންވާ ފެންވަރުގެ އެމްބިއުލާންސް ނެތް ހުރިހާ މަރުކަޒުތަކަށް އެމްބިއުލާންސް ހޯއްދަވައި، ހަމަކޮށްދެއްވުމެވެ.

މި މަޝްރޫޢުގެ ދަށުން، 28 އެމްބިއުލާންސް ހޯއްދެއްވުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އީއާ ޙަވާލުކުރައްވާ، މީގެތެރެއިން 6 އެމްބިއުލާންސް މިހާރު ވަނީ ރާއްޖެ ގެންނަވާފައެވެ.

މަދަރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން ފެއްޓެވުމަށް ލ.އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ފަށްޓަވައިގެން ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އެމްބިއުލާންސް ހަމަކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން 90 އިންސައްތައަށް ވުރެ ގިނަ ރަށްރަށަށް އެޚިދުމަތް ފޯރުކޮށްދެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

''ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަށްޓަކައި އެމްބިއުލާންސް ހޯދާ ދިނުމުގެ މަސައްކަތް މިއަދު ކުރަމުން ގޮސް މިހާރު 90 އިންސައްތައަށްވުރެ ގިނަ ރަށްރަށަށް އެޚިދުމަތް ފޯރުކޮށްދީފިން. އަމާޒަކީ މީހުން އުޅޭ ހުރިހާ ރަށަކަށް މި ޚިދުމަތް ފޯރުކޮށްދިނުން'' ހެލްތު މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ސަރުކާރުން ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސް.ޓީ.އޯގެ ބޭސްފިހާރަ ހުޅުވާ ޚިދުމަތް ދޭން ފައްޓަވާފައެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ، ރާއްޖެ ގެންނަވާ އެމްބިއުލާންސްގެ ތެރެއިން، މިހާރުވެސް އިތުރު 12 އެމްބިއުލާންސެއް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެސްޓީއޯއާ ޙަވާލުކުރެއްވި 28 އެމްބިއުލާންސް މިއަހަރު ނިމުމުގެ ކުރިން ރަށްރަށަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެ ގެންނަ އެމްބިއުލާންސް ތަކުގައިވެސް ފަސްޓްއެއިޑް ކިޓާއި، އޮކްސިޖަން އަދި ޢާއްމުގޮތެއްގައި ބޭނުންކުރަންޖެހޭ ބޭސްތައް ހުންނާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އަތޮޅުތަކުގައި ބޭނުންކުރައްވަމުން ގެންދެވި އެމްބިއުލާންސްގެ ތެރެއިން މަރާމާތުކޮށްގެން ބޭނުންކުރެވޭ ޙާލަތުގައި ހުރި 28 އަށްވުރެ ގިނަ އެމްބިއުލާންސް މި އަހަރު މަރާމާތުކުރެވިފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އެސް.ޓީ.އޯއާ ޙަވާލުކުރައްވައިގެން، އިންޑިއާއިން ގެންނަވާ މި 28 އެމްބިއުލާންސްތައް ގެނައުމަށް ގާތްގަނޑަކަށް 5.6 މިލިޔަށް ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.