ކުޅިވަރު

ގދ.ތިނަދޫ ސްވިމިންގް ޓްރެކް - މިލިއަނަކަށްވުރެ ބޮޑު ޚަރަދެއް


ގދ.ތިނަދޫގައި އެޅި ސްވިމިންގ ޓްރެކް ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމް ހުޅުއްވާ ދެއްވައިފިއެވެ. މި ސްވިމިންގ ޓްރެކަކީ މާލެ އަދި އައްޑޫ ސިޓީ ފިޔަވައި މި ފެންވަރުގެ ސްވިމިންގ ޓްރެކެއް އެޅި ފުރަތަމަ ރަށެވެ.

އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ޙަރަދު ކުރައްވައިގެން އަޅާފައިވާ މި ސްވިމިންގ ޓްރެކަކީ މާލެ އަދި އައްޑޫ ސިޓީގައި އެޅިފައިވާ ސްވިމިންގް ޓްރެކްގެ އިތުރުން ރާއްޖޭގެ ރަށެއްގައި އެޅިގެންދިޔަ ފުރަތަމަ ސްވިމިންގ ޓްރެކެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ޔޫތް މިނިސްޓްރީ ގުޅިގެން އެޅި މި ސްވިމިންގ ޓްރެކް އިއްޔެ ރަސްމީކޮށް ހުޅުވާދެއްވުމަށްފަހު ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ މި ސަރުކާރުން އަންނަނީ ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ޒުވާނުންނަށް ދޭ އަހަމިއްޔަތުކަން މިކަމުންވެސް އެނގި ހާމަވެގެން ދާކަމަށެވެ. ސްވިމިންގ އަކީ މިވަގުތު ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ކުރި އަރަމުން އަންނަ ކުޅިވަރުކަން ފާޙަގަކުރަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ ހަފްތާގައި ސްރީލަންކާގައި ނިމިގެންދިޔަ ސައުތް އޭޝިޔަން އެކުއާޓިކް ޗެމްޕިއަންޝިޕުން ރާއްޖޭގެ އެތްލީޓުން 17 މެޑަލް ހޯދާފައި އޮތުމަކީ އެކަމުގެ އެއް މިސާލުކަމަށެވެ. އަދި ގދ.ތިނަދުއަކީވެސް ސްވިމިންގައި މޮޅެތި ކުދިންތަކެއް ތިބި ރަށެއްކަން ފާހަގަކޮށް މި ސްވިމިން ޓްރެކުގެ ސަބަބުން އެ ކުދިންނަށް އިތުރަށް ކުރިއަށް ދިއުމަށް ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓަރ ފާޙަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14776575899809.jpg|ގދ.ތިނަދޫ ސްވިމިންގް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ/ޔޫތު މިނިސްޓްރީ

 މި ސްވިމިންގ ޓްރެކަކީ ދިގުމިނުގައި 25 މީޓަރު އަދި ފުޅާމިނުގައި 20 މީޓަރު ހުރި ސްވިމިންގ ޓްރެކެކެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ތިނަދޫގައި ހަދަމުންދާ ސްޕޯރޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސްގެ ނުވަދިހަ އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާ މި އަހަރު ތެރޭގައި ތިނަދޫގައި ވޯޓާރ ތީމް ޕާކެއް ޤާއިމް ކުރުމަށް ނިންމާފައިވާކަމަށެވެ. ޔޫތް މިނިސްޓްރީން މިހާތަނަށް ވަނީ ތިނަދޫގައި ދިހަ މަޝްރޫޢެއް ކުރިއަށް ގެންގޮސްފައެވެ. މި ހުރިހާ މަޝްރޫޢުތަކަކަށް މިހާތަނަށް ޖުމްލަ ތިރީސް ހަތް މިލިޔަން ރުފިޔާ ޙަރަދުވެފައިވާކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.