ސިއްހަތު

ސްކޫލް ބަންދަށް އައި.ޖީ.އެމް.އެޗުގެ ޙިދްމަތް ލިބިގަތުން


ސްކޫލް ބަންދާއި ދިމާކޮށް އައި.ޖީ.އެމް.އެޗުން އެކި ޙިދްމަތްތައް ހޯދުމަށް އަތޮޅުތަކުން އަންނަ ފަރާތްތަކަށް ދުރާލާ އެޕޮއިންޓްމެންޓްތައް ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ އަހަރީ ޗުއްޓީ ނުވަތަ ޢާއްމު ނަމުންނަމަ ބޮޑު ބަންދާއި ދިމާކޮށް އެކި އެކި ޒަރޫރީ ބޭނުންތަކަށް އަތޮޅުތެރެއިން މާލެއަށް އެތައްހާސް މީހުން ޒިޔާރަތް ކުރެއެވެ. މީގެ ތެރެއިން ގިނައީ އެކި އެކި ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަންނަ މީހުންނެވެ. ވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުން ނެތުމާއި، ބައެއް ތަހްލީލްތައް ހެދެން ނެތުމުގެ އިތުރުން އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ބައެއް އަތޮޅުތަކުގައި ނެތުން ވެގެންދަނީ ގިނަ ބަޔަކު ބޮޑު ބަންދާއި ދިމާކޮށް މާލެއަށް އަންނަ މައިގަނޑު ސަބަބަށެވެ.

އެއްފަހަރާ ގިނަ ބަޔަކު އައި.ޖީ.އެމް.އެޗުން ޚިދްމަތައް ހޯދުމަށް އަންނާނެކަމަށް ބެލެވޭތީ ދުރާލާ އެކަމަށް ތައްޔާރުވަމުން އަންކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި ބަލި މީހުންނަށް ލުއި ފަސޭހަގޮތެއްގައި ޚިދްމަތް ފޯރުކޮށްދޭނެ އިންތިޒާމްތައް ހަމަޖައްސަވާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ބަލި މީހުނަށް މަގުދެއްކުމާއި ،އެނޫންވެސް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުވެސް ސްކައުޓް ކުދިން ހޮސްޕިޓަލްތެރޭގައި ޙަރަކާތްތެރިވާނޭ ކަމަށްވެސް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ވަނީ، ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް ދުރާލާ ވެއިޓްލިސްޓް ކުރެވޭނޭ ނިޒާމް ޤާއިމްކުރައްވާފައެވެ. އަދި މިނިޒާމްގެ ބޭނުން ހިފައި ދުރާލާ އެޕޮއިންޓްމެންޓް ހައްދައިގެން ދަތުރު ރޭވުމަށް އައި.ޖީ.އެމް.އެޗުން އިލްތިމާސް ކުރައްވައެވެ.

ބޮޑު ބަންދާއި ދިމާކޮށް ގިނަ ޢަދަދެއްގެ މީހުން ޚިދްމަތް ހޯދުމަށް އައުމުން ހޮސްޕިޓަލް ފުރި ބާރުބޮޑުވުމަކީ ކޮންމެ އަހަރަކުވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މި މައްސަލަތައް ޙައްލު ކުރުމަށް ބަލި މީހުންގެ ވެއިޓިންގް އޭރިއާތައް ބޮޑު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޑޮކްޓަރަށް ދައްކަން އަންނައިރު ބަލީމީހާއާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށް އައި.ޖީ.އެމް އެޗުން އިލްތިމާސް ކުރައްވައެވެ. އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރާއިރު، އެ ހޮސްޕިޓަލުން ޢާއްމު ކުރައްވާފައިވާ އެންގުންތަކައް އިހްތިރާމް ކުރުމަށްވެސް އައިޖީއެމްއެޗުން އިލްތިމާސް ކުރައްވައެވެ. ވީހާވެސް ލުއި ފަސޭހަގޮތެއްގައި ޚިދްމަތް ލިބިދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމަކީ ޢަމާޒުކަމަށާއި، ބަލި މީހުން ގެ ތަޖުރިބާއަށް ބަލާ ،ތަރައްޤީގެ މަސައްކަތް ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.