ޚަބަރު

ކުރިނބީ ބަލިކޮށް ނޭކުރެންދޫއިން އުއްމީދު ހޯދައިފި


  • މެޗުން ނޭކުރެންދޫ މޮޅުވީ 1-2އިން

  • ނޭކުރެންދޫއާއި ނައިވާދޫއަށް 3ޕޮއިންޓު ލިބިފައިވޭ

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުރިނބީ ބަލިކޮށް، ނޭކުރެންދޫއިން ސެމީ ފައިނަލުގެ އުއްމީދު ހޯދައިފިއެވެ.

މި މެޗާ ކުރިމަތިލިއިރު ނޭކުރެންދޫ ވަނީ ނައިވާދޫއާ ދެކޮޅަށް ކުޅެ ބަލިވެފައެވެ. އެހެންކަމުން މި މެޗުން މޮޅުވާން އެ ޓީމަށް އޮތީ މަޖުބޫރުވެފައެވެ.

ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅެ ނޭކުރެންދޫއިން ކުރިނބީގެ މައްޗަށް ކުރިހޯދީ 1-2ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ކުރިނބީންނެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިޔާން އަބްދުލްޣަނީއެވެ،

ހާފު ނިމުމުގެ ކުރިން ނޭކުރެންދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 11ވަނަ މިނެޓުގައި މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަބާން އިމްރާނެވެ.

މެޗުން ނޭކުރެންދޫ މޮޅުވި ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 36ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ރާއިފް ފަޒީލެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ރާއިފެވެ.

މި މޮޅާއެކު ނޭކުރެންދޫއިން ތިން ޕޮއިންޓު ހޯދިއިރު މި ދެޓީމު ހިމެނޭ ހދ. އަތޮޅުގެ ގްރޫޕް ބީގައި ދެން ހިމެނޭ ނައިވާދޫއިން ވެސް ވަނީ އެއް މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދާފައެވެ. ފުލުގައި އޮތް ކުރިނބީއަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު، ގުރޫޕުގެ ފަހު މެޗުގައި ބައްދަލުކުރާނީ ނައިވާދޫއާއި ކުރިނބިއެވެ.

މި ގުރޫޕުން ސެމީގެ ޖާގަ ކަށަވަރުކުރާ ދެޓީމު އެނގޭނީ އެ މެޗުގެ ނަތީޖާއަށްފަހުއެވެ.