ޚަބަރު

އިންޑިއާ ބަލިކޮށް ރާއްޖެ އޭޝިއާގެ 5 ވަނައަށް


  • ޤައުމީ ޓީމުން މެޗު ކާމިޔާބުކުރީ 53-39 އިން

  • މިމުބާރާތަކީ ޤައުމީ ޓީމަށް މުހިންމު ތަޖުރިބާއަކަށްވާނެ

14 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި 53-39 އިން އިންޑިއާ ބަލިކޮށް ރާއްޖެއިން އޭޝިއާގެ 5 ވަނަ ކަށަވަރުކޮށްފިއެވެ.

ހޮންގކޮންގުގެ ކައި ޓަކް އެރީނާގައި ކުރިއަށްދިޔަ މުބާރާތުގެ ފަހު މެޗުގެ ފުރަތަމަ ކުއާޓާ 11-10 ގެ ހަނި ފަރަގަކުން ކާމިޔާބުކުރީ އިންޑިއާއިންނެވެ. އެހެންނަމަވެސް ބާކީ ތިން ކުއަރޓާގައި ޤައުމީ ޓީމުވަނީ އިތުރު ހިތްވަަކާއެކު ނުކުމެ މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ ކުއާރޓާގައި ރާއްޖެއިން އިންޑިއާ ބަލިކުރީ 15-12 އިންނެވެ. އަދި ތިންވަނަ ކުއާރޓާގައި 15-09 އިން އިންޑިއާ ބަލިކުރިއިރު، ފަހު ކުއާރޓާގެ ނަތީޖާއަކީ 13-07 އެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ރާއްޖެއިން ވާދަކޮށްފައިވަނީ "ކަޕް ޑިވިޝަން" ގައެވެ. އަދި މުބާރާތުގައި ރާއްޖެއިން ވަނީ ޖުމްލަ ހަ މެޗު ކުޅެފައެވެ.

އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ފުރަތަމަ މެޗުގައި ރާއްޖެ ނުކުތީ ސަރަހައްދީ އެންމެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 19-81އިންނެވެ. އަދި ދެވަނަ މެޗުގައި މެލޭޝިއާ އަތުން 32-78އިން ރާއްޖެ ބަލިވިއިރު ތިންވަނަ މެޗުން ރާއްޖެ ވަނީ އިންޑިއާ އަތުން 41-60އިން މޮޅުވެފައެވެ.

މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗުގައި މިމަހުގެ 11 ވަނަ ދުވަހު، ރާއްޖެއިން ކުޅެން ޖެހުނީ މުބާރާތް ބާއްވާ ގައުމު، ހޮންގ ކޮންގާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 34-55ގެ ނަތީޖާއަކުންނެވެ.

ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޖެހުނު މި މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ސްރީލަންކާއާ ދެކޮޅަށް ނުކުތްއިރު، މި މެޗުން ރާއްޖެ ބަލިވީ 33-78އިންނެވެ.