ކުޅިވަރު

3 އަހަރު ދުވަހުގެ ތެރޭގައި 21 މިލިއަން ރުފިޔާ ނ. އަތޮޅަށް


ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މިހާތަނަށް ނ. އަތޮޅުގައި ކުޅިވަރު ވަސީލަތްތަށް ޤާއިމްކުރުމަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް މިހެން ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ނ.އަތޮޅު ވެލިދޫގައި ރޭ ހުޅުވި ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ނ.އަތޮޅަކީ ސަރުކާރުން ކުޅިވަރުގެ ވަސީލަތްތައް އެންމެ ގިނައިން ޤާއިމް ކޮށްދެއްވަމުން ގެންދަވާ އެއް އަތޮޅު ކަމަށެވެ. ނ.އަތޮޅުގެ މި މަޝްރޫޢުތަކުން އެންމެ ބޮޑަށް އެނގިގެންދަނީ ސަރުކާރުން އެއްވެސް އަތޮޅަކަށް ތަފާތު ކުރުމެއް ނުގެންގުޅޭކަން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިން ކަނު އަދިރީގައި ކުޅިވަރު ކުޅެމުންދިޔަ ޒަމާންތައް ހަދާން ނައްތާލުމަށްފަހު، ޒުވާނުންނަށްޓަކައި މިސަރުކާރުން މިދަނީ ރޭގަނޑުވެސް ކުޅެވޭނެ އިންތިޒާމްތައް ޤާއިމްކޮށްދެއްވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނ.ވެލިދޫގައި ކުޅިވަރުގެ ވަސީލަތްތަށް ޤާއިމް ކުރުމަށް މިއަހަރު އެކަނިވެސް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމް ކުރުމަށް ވެލިދޫގައި އިތުރު 5 މަޝްރޫޢެއް އިޢުލާން ކުރެވި، ނ.އަތޮޅު ވެލިދޫ ކައުންސިލްއާއި މިހާރު ޙަވާލު ކުރެވިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14776408446370.jpg|ނ.އަތޮޅު ވެލިދޫގައި ގާއިމް ކުރެވުނު ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ: ޔޫތް މިނިސްޓްރީ)

"މިއަހަރު މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 145 މިލިއަންއަށް ވުރެ ގިނަ ރުފިޔާގެ މަޝްޢޫ ހިންގާ އަދި މިކަމުގެ ކަންތައްތަކެއް ތަންފީޒް ކުރަން ފަށާފަ. އަދި ޕީއެސްއަައިޕީގެ ބަޖެޓްއިން އެކި މަޝްޢޫތަށް ހިންގުމަށް މި އަހަރުގެ މިހާތަނަށް 52 މިލިއަންއަށް ވުރެ ގިނަ ރުފިޔާވަނީ ޚަރަދުކުރެވިފަ. ރައީސް ޔާމީންގެ ސަރުކާރުން މިތަފާތު ހިސާބުތަކަށް ބާލާލާއިރު، އަޅުގަނޑުމެންނަށް ފެންނަން މިހީ ހަމައެކަނި ކުޅިވަރުގެ ވަސީލަތްތައް ޤާއިމް ކުރުމަށް ކުރެވޭ ހޭދައެއް ކަމުގައިވާއިރު ކުޅިވަރު ކުޅެވޭ ފަރާތްތަކަށާ ކުޅިވަރު ކުރިއެރުވުމަށާ ކުޅިވަރުގެ އެކިއެކި މުބާރާތްތަކަށް މިނިސްޓްރީގެ ބަޖެޓުން ބޮނޑު ހޭދައެއް ކުރަމުންދާކަންވެސް މިފުރުސަތުގައި ފާހަގަކޮށްލެވޭ." އިރުތިޝާމް ބުންޏެވެ. 

img:http://s3.psmnews.mv/images/660x400/14776408624772.jpg|ނ.އަތޮޅު ވެލިދޫގައި ގާއިމް ކުރެވުނު ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ: ޔޫތް މިނިސްޓްރީ)

ނ.އަތޮޅު ވެލިދޫގައި ރޭ ހުޅުވިގެންދިޔަ ފުޓްސެލް ދަނޑު އެޅުމަށްޓަކައި ސަރުކާރުންވަނީ 1.1 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. ސްޕޯޓްސް އެރީނާގެ ޕްރޮޖެޓްގެ ދަށުން ރޭ ނ.ވެލިދޫގައި ފުޓްސެލް ދަނޑުގެ އިތުރުން ބަށި ކޯޓެއްވެސް ވަނީ ހުޅުއްވާދެއްވާފައެވެ. މީގެ އިތުރުން، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ނެޓްބޯޅަ ކޯޓަކާއި، ވޮލީ ކޯޓެއްވެސް ނ.ވެލިދޫގައި އެޅުމަށް ހަމަޖެހިފައިވާއިރު، އެކަމުގެ ޢަމަލީ މަސައްކަތްވެސް އަވަސް މުސްތަޤްބަލެއްގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓާރ އިރުތިޝާމް ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14776408800474.jpg|ނ.އަތޮޅު ވެލިދޫގައި ގާއިމް ކުރެވުނު ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ: ޔޫތް މިނިސްޓްރީ)

ރޭގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުންވަނީ ވެލިދޫގެ ދަނޑުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ހަދާނީ ލިޔުންދެއްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ ގޮތުންވަނީ ޔޫތް މިނިސްޓްރީގެ ޓީމަކާއި ވެލިދޫ ކައުންސިލްގެ ޓީމަކާ ދެމެދު ފުޓްސެލް މެޗްއެއްވެސް ކުޅެފައެވެ.