ޚަބަރު

ހދ.ނޭކުރެންދޫ "މަސްޖިދުއް ތަޤްވާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހދ.ނޭކުރެންދޫގައި އިމާރާތްކޮށްފައިވާ "މަސްޖިދުއް ތަޤްވާ" މިސްކިތް އިސްލާމިކް މިނިސްޓަރ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ނޭކުރެއްދޫގައި އިމާރާތްކޮށްފައިވާ "މަސްޖިދުއް ތަޤްވާ" ރަސްމީގޮތުން ހުޅުވާފައިވަނީ އެކަމަށްޓަކާ އިއްޔެގެ އަސުރު ނަމާދަށް ފަހު އެމިސްކިތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މިސްކިތް ރަސްމީގޮތުން ހުޅުއްވައިދެއްވުމަށްފަހު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ، މުސްލިމުންގެ ހިތްތަކުގައިވާ ދީނީ ފިކުރު ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖޭގައި ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަޢުދީ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، މިނިސްޓަރ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ހަރުދަނާ ރީތި އިޖްތިމާއީ ފޭރާމެއް ހުރި ރައްޔިތެއް ބިނާ ކުރެވޭނީ ދީނީ ފިކުރު ހަރުދަނާ ކޮށްގެން ކަމަށާއި، އިސްލާމީ ރީތި އާދަތައް އަށަގަންނަވައިގެން ކަމަށެވެ. ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާތަނަށް 4 މިސްކިތެއް ވަނީ ބިނާކޮށް ރަސްމީކޮށް ހުޅުވާފައެވެ. އެއީ ލ އަތޮޅުގެ 1 މިސްކިތާއި، ރ އަތޮޅުގެ ދެ ރަށެއްގައި 2 މިސްކިތާއި އަދި ނޭކުރެންދޫގައި ހުޅުވިގެން ދިޔަ މިސްކިތެވެ.

ނޭކުރެންދޫގައި މި ހުޅުވި މިސްކިތަކީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވުނު ޖުމްލަ 5.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.