އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅޭ އާޖެންޓީނާގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ އެންޒޯ ފެނާންޑޭޒަށް ބިޑް ކުރުމަށް ކުލަބްތަކަށް ޗެލްސީއިން ހުޅުވާލި ސުންގަޑި ހަމަވެއްޖެކަމުގައި އެކްލަބުން ހާމަކޮށްފިއެވެ.
ޗެލްސީއިން ބުނެފައިވަނީ ފެނާންޑޭޒް ބޭނުން ކްލަބެއް އޮތްނަމަ އޮގަސްޓް މަހުގެ 14 އިނގިރޭސިވިލާތުގެ ގަޑިން ހަވީރު ފަހެއް ޖެހުމުގެ ކުރިން 120 މިލިއަން ޕައުންޑުގެ އަގެއް ހުށަނައަޅައިފިނަމަ އޭނާ ނުވިއްކާނެކަމަށް ބުނެފައެވެ. ވަގުތު ހަމަވިއިރުވެސް އެއްވެސް ކްލަބަކުން ފެނާންޑޭޒަށް ބިޑް ކޮށްފައި ނުވާތީ ޗެލްސީއިން ގަބޫލް ކުރާގޮތުގައި މިސީޒަންގައި އޭނާ ފެންނާނީ ޗެލްސީގެ ޖާރޒީގައެވެ.
ފެނާންޑޭޒް ހޯދުމަށް އެންމެ ބޮޑަށް ޝައުގު ފާޅުކޮށްފައިވަނީ ޕްރިމިއަރ ލީގަށް ނިސްބަތްވާ މެންޗެސްޓަރ ސިޓީއިންނެވެ. ސިޓީގެ މިހާރުގެ ކޯޗަކީ ކުރިން ޗެލްސީގައި ހުރި ކޯޗު އެންޒޯ މަރެސްކާ ކަމުން ފެނާންޑޭޒް ސިޓީއަށް ގެންދިއުމަށް އެޓީމުގެ އާ ކޯޗު ވަރަށް ބޭނުމެވެ. ނަމަވެސް ވަގުތު ހަމަވިއިރުވެސް އެއްވެސް ކުލަބަކުން ފެނާންޑެޒްއަށް ބިޑްކޮށްފައި ނުވުމުން ޗެލްސީގެ ވައިސް ކެޕްޓަން އެޓީމުގައި މަޑުކުރާނެކަމަށް ވަނީ ބެލެވިފައެވެ.
ނަމަވެސް ސިޓީއިން ގަބޫލް ކުރާގޮތުގައި ފެނާންޑޭޒް އެޓީމަށް ގެންދިއުމަށް އޮތް ފުރުސަތު އަދި އެއްކޮށް ނުގެއްލެއެވެ. އަދި ޗެލްސީއިން ވެސް މި ވިޔަފާރި ކުރަން ބޭނުންވާނެކަމަށް ސިޓީއިން ގަބޫލް ކުރެއެވެ. 120 މިލިއަން ޕައުންޑަށް ފެނާންޑޭޒް ވިއްކާލާނަމަ އެއަގު ވާނީ ހަތަރު ވަނައަށް އެންމެ އަގުބޮޑު ފުޓްބޯޅަ ޓްރާންސްފަރއަށެވެ. ސިޓީއިން މިސީޒަންގައި މިހާރުވެސް ވަނީ އަގުބޮޑުކޮށް އެއް ކުޅުންތެރިޔަކު ގެންގޮސްފައެވެ. އެއީ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުންދިޔަ އެލިއޮޓް އެންޑަރސަން 116 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި ސިޓީއިން ފެނާންޑޭޒް ގެންދިއުމުގެ ވާހަކަ ދެކެވެން ފެށީ އެޓީމުގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާ ރޮޑްރީ ކްލަބް ދޫކޮށްދާން ބޭނުންވި ހިސާބުންނެވެ.
ޗެލްސީއިން ފެނާންޑޭޒަށް ބިޑް ކުރުމަށް ހުށަހެޅި ސުންގަޑިއަކީ ނުރަސްމީ ގޮތެއްގައި އެކްލަބުން ހުށަހެޅި ސުންގަޑިއެކެވެ. މިފަހަރުގެ ޓްރާންސްފަރ މާކެޓްގެ ސުންގަޑިއަކަށް ވާނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އިނގިރެސިވިލާތުގެ ގަޑިން ރޭގަނޑު 11 ޖަހާއިރެވެ. ނަމަވެސް ޗެލްސީގެ މަސްދަރުތަކުން ހަބަރު ލިބޭގޮތުގައި އެކްލަބުން ހުށަހެޅި ނުރަސްމީ ސުންގަޑީގައި އެކްލަބުން ހިފަހައްޓާނެެވެ.
ސިޓީއިން ބުނާގޮތުގައި މި ވިޔަފާރި ސިޓީއަށްވުރެ ޗެލްސީއަށް މާ ބޮޑަށްވެސް މުހިންމެވެ. އަދި މިވިޔަފާރިއަށް ސިޓީއިން ބިޑް ކުރާނީ އެކްލަބުން ބޭނުންވާ ގޮތަށްކަމަށާއި އެކަން ނިންމާނީ ޗެލްސީއިން ނޫނެވެ. ދެން އުފެދޭ ސުވާލަކީ ސިޓީއިން ކުޑަ ދުވަސްކޮޅެއް ފަހުން ފެނާންޑޭޒަށް ބިޑް ކޮށްފިނަމަ އެފުރުސަތު ޗެލްސީއިން ދޫކޮށްފާނެތޯއެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ސިޓީއިން ފެނާންޑޭޒަށް ބިޑް ކުރުން ބިނާވާނީ ރޮޑްރީ މިސީޒަންގައި ސިޓީ ދޫކޮށް ދިއުމާއެވެ. ރޮޑްރީ ސިޓީ ދޫކޮށް ދިއުމަށް މިހާރު ކުރާ މަސައްކަތް ނާކާމިޔާބުވެ ސިޓީގައި މަޑު ކުރާނަމަ ސިޓީއިން ފެނާންޑެޒަށް ބިޑެއް ނުކުރާނެއެވެ.