ވިޔަފާރި

"ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާއަކީ ނަމޫނާ އެޖެންޑާއެއް"


ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ އެޖެންޑާއަކީ ނަމޫނާ އެޖެންޑާއެއް ކަމަށާއި، އޭގެ ހެޔޮ އަސަރުތައް ދިވެހިރާއްޖޭގެ އިޤްތިޞާދުން ފެންނަމުންދާ ކަމަށް ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި މިއަދު ފެށި ފީލް ސްރީލަންކާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އަވަށްޓެރި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް އަސޯކާ ތޮރަދެނިޔާ ވަނީ ރައީސް ޔާމިންގެ އިޤްތިޞާދީ އެޖެންޑާއަށް ވަރަށްބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. img:http://s4.psmnews.mv/images/660x400/14775787593839.jpg|ފީލް ސްރީލަންކާ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ފީލް ސްރީލަންކާ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާ އަކީ ނަމޫނާ އެޖެންޑާއެއް ކަމަށެވެ. ރައީސް ޔާމިންގެ އިޤްތިޞާދީ އެޖެންޑާއަށް ވަރަށްބޮޑަށް ތަޢުރީފުކުރައްވައި ސްރީލަންކާގެ ވިޔަފާރިވެރިންނަށް އިޝާރަތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަކީ މިހާރު އިންވެސްޓްކުރަން އެންމެ ރަނގަޅު މަންޒިލް ކަމަށެވެ. ސަފީރު ވިދާޅުވީ ސްރީލަންކާގެ އިންވެސްޓަރުންނަށް މިއަދު އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރަން ފަހި މާހައުލެއް އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފަސޭހަކަމާއި ރާއްޖޭގައި އިންވެސްޓްކުރުމުން ނިކުންނަ ރަނގަޅު ނަތީޖާ މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ސްރީލަންކާގެ އިންވެސްޓަރުންނަށް ފެންނަމުންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ހުރިހާ ދާއިރާއަކުން ބެލިކަމުގައިވީނަމަވެސް ސްރީލަންކާގެ ވަރަށް ގާތް ބައިވެރިއެއް ކަމަށެވެ. މިގޮތުން ދެ ޤައުމުގެ ޒަމާންވީ ގުޅުމުގައި އެކި ދާއިރާތަކުން މިއަދު ގުޅުންތައް ބަދަހިވެފައިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ސްރީލަންކާގެ ތާރީހުގައި ކުރެވިގެންދިއަ އެންމެބޮޑު ދާހިލީ ހަނގުރާމައިގެ ތެރޭގައި ދެގޮތެއްނުވެ ސްރީލަންކާއާއެކު ދިވެހިރާއްޖެ އޮތް އޮތުމަކީ އެ ޤައުމުން އަބަދުވެސް ފާހަގަކުރާނޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14775788321242.jpg|ފީލް ސްރީލަންކާ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މަޓާޓޯގެ ރައީސް އަބްދު ﷲ ގިޔާސް ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފް ވިދާޅުވީ، ދިވެހިރާއްޖޭގައި ރާއްޖޭގެ އިޤްތިޞާދުގައި މިއަދު ތަނަވަސްވެފައިވާ އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ ބޭނުން، ބޭރުގެ އިންވެސްޓަރުން ވަރަށް ރަނގަޅަށް ހިފަމުންދާ ކަމަށެވެ. މިގޮތުން ރާއްޖޭގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް އިންވެސްޓްމަންޓްގެ ރައްކާތެރިކަން ހޯދައިދިނުމަކީ މިއަދުގެ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށް އާސިފް ވިދާޅުވިއެވެ.

ފީލް ސްރީލަންކާ އެގްޒިބިޝަން މިއަދު ރަސްމީކޮށް ފަށާފައިވާއިރު، މިއަދު ވަނީ ސްރީލަންކާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލާއި ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ޚާއްސަ ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމުގައި އެކިއެކި ދާއިރާތަކުން ސްރީލަންކާގެ ގިނަ ޢަދަދެއްގެ ވިޔަފާރި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. ފީލް ސްރީލަންކާ އެގްޒިބިޝަނުގައި ސްރީލަންކާގެ ތިރީހަށްވުރެ ގިނަ ކުންފުނި ވަނީ ބައިވެރިވެފައެވެ. މި އެގްޒިބިޝަނުގައި ބައިވެރިވި ސްރީލަންކާގެ ވިޔަފާރިވެރިން އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އާއްމުކޮށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަން އަންނަ ހޮނިހިރު ދުވަހުގެ ނިއަލަށް ކުރިއަށްދާނޭ ކަމަށް އެގްޒިބިޝަން އިންތިޒާމްކުރާ އިނަމޯލްޑިވްސް އޭސް ޓްރެވަލްސްއިން މައުލޫމާތުދެއެވެ.