ގިނިސް ވޯލްޑް ރިކޯޑްސްގެ 4 ރިކޯޑެއް އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ނޯވޭގެ ބައިނަލްއަޤްވާމީ ފޯވަޑް އާލިންގ ހާލަންޑް ގާއިމްކޮށްފިއެވެ.
ގިނިސް އިން ވަނީ މިހަތަރު ރިކޯޑާއި ގުޅޭ ސަރޓިފިކެޓްވެސް ހާލަންޑަށް ރޭ ހަވާލުކޮށްފައެވެ. ޕްރިމިއަރ ލީގުގެ އާ ސީޒަނާއި ހާލަންޑް ކުރިމަތިލާއިރު މިހާތަނަށް އޭނާވަނީ ކުޅުނު 132 މެޗުގައި 112 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކާ ނޯވޭ އެމުބާރާތުގެ ރަނގަޅު ހިސާބަކަށް ގެންގޮސްދީފައެވެ.
އުމުރުން 26 އަހަރުގެ ހާލަންޑަކީ ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވުމުގެ އިތުރުން ގިނަ ޑިފެންޑަރުން އެންމެ ޖެހިލުންވާ އެއް ފޯވަޑެވެ. ހާލަންޑް ގާއިމްކޮށްފައިވާ ހަތަރު ރިކޯޑުގެ ތެރެއިން ފުރަތަމަ ރިކޯޑަކީ ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ހަމަ ކުރުމުގެ ރިކޯޑެވެ. އޭނާވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ދުވަހު ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު 111 މެޗުގައި މިރިކޯޑް ގާއިމް ކޮށްފައެވެ. ކުރިން މިރިކޯޑް އޮންނަނީ 124 މެޗުން 100 ލަނޑު ހަމަކުރި ކުރީގެ ކުޅުންތެރިޔާ އެލަން ޝިއެރަރ އަތުގައެވެ. އޭނާގެ ދެވަނަ ރިކޯޑެއްގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑްސްއިން ފާހަގަ ކޮށްފައިވަނީ ޕްރިމިއަރ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން ހާލަންޑް ވަނީ ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އިން ސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަންގައި 38 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށް މިރިކޯޑް ގާއިމްކޮށްފައެވެ. އޭގެ ކުރިން މިރިކޯޑް އޮތީ 32 ލަނޑު ކާމިޔާބު ކޮށްފައިވަނީ މުހައްމަދު ސަލާހް އަތުގައެވެ. ނަމަވެސް ކުރިން 42 މެޗު ލީގުގައި ކުޅުނު އިރު އެންޑީ ކޯލް އާއި އެލަން ޝިއެރަރ 34 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.
ހާލަންޑްގެ ތިންވަނަ ރިކޯޑް ގާއިމް ކޮށްފައިވަނީ ނޯވޭގެ ޤައުމީ ޖަރޒީގައެވެ. މިގޮތުން ހާލަންޑް ވަނީ ޔުއޭފާ ނޭޝަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ގާއިމްކޮށްފައެވެ. އެއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އޭނާ ޖަހާފައިވާ 19 ލަނޑާއެކުއެވެ. މީގެއިތުރުން ހަތަރު ވަނަ ރިކޯޑަކީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން ހާލަންޑްވަނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ 14 ވަނަ ދުވަހު ސިޓީ އާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗުގައި 5 ލަނޑު ޖަހާ ލިއޮނެލް މެސީ އާއި ލުއިޒް އެޑްރިއާނޯ ގާއިމް ކޮށްފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.
ހާލަންޑް މިހާރު ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ކުރިއަށް އޮތް ތާނގާ އޭނާއަށް ގިނިސް ވޯލްޑް ރިކޯޑްސްގެ އާ ސަރޓިފިކެޓް ލިބިގެންދާތަން ފެނިގެންދިއުމަކީ ވަރަށް ގާތް ކަމެކެވެ.