ޚަބަރު

ފަރަށް އެރި ޓޭންކަރުގެ ތެޔޮގަނޑު ފެތުރި ޢުމާނަށް ނުރައްކާ


ޢުމާންގެ އައްސޭރިފަށަށް ފަރަށް އެރި ޓޭންކަރަކުން ބޭރުވަމުންދާ ތެޔޮގަނޑު، އެ ޤައުމުގެ ޖަޒީރާ ރަށްތަކުގެ އައްސޭރިފަށަށް ފޯރަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ތިމާވެއްޓާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. 'ކެރޮލައިން ބިޒިންގީ' ޓޭންކަރުން ބޭރުވަމުންދާ ތެޔޮ 2,200 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވާ ކަމުގައި މާހިރުން ބުނެއެވެ. އެ ތެޔޮގަނޑު މިހާރު ވަނީ ޢުމާންގެ ރައުސު މުދުރިކަތުގެ އައްސޭރިފަށާ 40 ކިލޯމީޓަރު ކައިރަށް ފެތުރިފައެވެ. އަދި، މި ކަމުގެ ސަބަބުން އެ ސަރަޙައްދުގައި އޮތް މަޞީރާ ޖަޒީރާއަށް ވެސް ވަނީ ނުރައްކާ ފޯރާފައެވެ. އެއީ، ޙިމާޔަތް ކޮށްފައިވާ ސަރަޙައްދެކެވެ. އަދި، ޢަރަބި ކަނޑުގެ ހަމްޕްބެކް ވޭލް އަދި ސޮކޮތުރާ ކޮރްމޮރެންޓް ކިޔާ ދޫނިތަކެއް ދިރިއުޅޭ ޤުދުރަތީ މާޙައުލެކެވެ.

ރަޝިޔާއިން 800,000 ފީފާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ 'ކެރޮލައިން ބިޒިންގީ' ޢުމާންގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ފަރަށް އަރާފައި ވަނީ ޖޫން 30 ގައެވެ. އޭގެ ކުރިން، ޖޫން 8 ވަނަ ދުވަހު އެ އުޅަނދުގައި ބާރު ގޮވުމެއް ގޮވާފައިވާ ކަމުގެ ރިޕޯޓު ކޮށްފައިވެއެވެ. ރަޝިޔާގެ ނޮވޮރޮސީސްކް ބަނދަރުން ދަތުރުފެށި މި އުޅަނދު ވަނީ ސުވަޔިސް ކޯރު ހުރަސްކޮށް، ޔޫކްރެއިން ހަނގުރާމަ ހިނގަމުންދާ ސަރަޙައްދާއި، ޔަމަންގެ އައްސޭރިފަށުން ވެސް ދަތުރު ކޮށްފައެވެ. 25 އަހަރުވެފައިވާ މި އުޅަނދަކީ، ހުޅަނގުން ބަލައިގަންނަ އެއްވެސް ކުންފުންޏަކުން އިންޝުއަރެންސްގެ ޚިދުމަތް ދީފައިވާ އުޅަނދެއް ނޫނެވެ.

'ކެރޮލައިން ބިޒިންގީ' ފަރަށް އަރާފައި ވަނީ ޢާންމުކޮށް ކުރިމަތިވާ ފަދަ ހާދިސާއެއްގެ ބަދަލުގައި "ހަނގުރާމައިގެ ޢަމަލެއްގެ" ސަބަބުން ކަމުގައި ތުހުމަތުކޮށް، އެ އުޅަނދުން ކަނޑަށް އެޅިފައިވާ ތެޔޮގަނޑު ސާފުކުރުމުގައި އެހީތެރިކަން ފޮރުކޮށްނުދޭނެ ކަމުގައި، މި ފަދަ ހާދިސާތަކުގައި ހަރަކާތްތެރިވާ އައިއޯޕީސީ ފަންޑު ކުންފުނިން ވަނީ ބުނެފައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ކަނޑު ދަތުރުފަތުރާ ބެހޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއިން ބުނީ، މޫސުމީ ވިއްސާރައިގެ ސަބަބުން އުޅަނދު ސަލާމަތް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، ޢުމާނުން ވަނީ، އުޅަނދުން ބޭރުވަމުންދާ ތެޔޮގަނޑު ފެތުރުން ކޮންޓުރޯލު ކުރުމަށް 'ބޫމް' ފަދަ ވަސީލަތްތައް ބޭނުން ކޮށްފައިވާ ކަމުގައި ބުނެފައެވެ. ނަމަވެސް، އުޅަނދުގައި ބާކީ ހުރި ތެޔޮ ހުސްނުކޮށްފި ނަމަ، ބޯޓަށް ލިބޭ ގެއްލުން ބޮޑުވެ، މިހާރަށްވުރެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވެދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.

މި ފަދަ ހާދިސާތައް ތަޙުޤީޤުކުރާ ސްކައިޓްރުތު ކުންފުނީގެ ވެރިޔާ ޖޯން އޭމޯސް ވިދާޅުވީ، ވައިގެ ބާރުމިނާއި ރާޅުތަކުގެ ސަބަބުން ބޯޓުގައި ހުރި ގާތްގަނޑަށް 190 މިލިޔަން ލިޓަރުގެ ތެޔޮ ކަނޑަށް ބޭރުވެއްޖެ ނަމަ، ތިމާވެށީގެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވާނެ ކަމުގައެވެ. އަދި، މިއީ 1989 ވަނަ އަހަރު ހިނގި އެކްސޮން ވޮލްޑޭޒް ކާރިސާއާ އެއްފަދަ ހާދިސާއަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. 'ކެރޮލައިން ބިޒިންގީ' އަކީ، 2018 ވަނަ އަހަރު ޗައިނާގެ އައްސޭރިފަށުގައި އެހެން އުޅަނދެއްގައި ޖެހި ނުރައްކާތެރި ހާދިސާއެއް ކުރިމަތިވި އީރާނުގެ 'ސެންޗީ' އުޅަނދާ ސައިޒުގެ ގޮތުން އެއްވަރު ޓޭންކަރެކެވެ.