ޚަބަރު

މިއަހަރު ތެލުގެ ސަޕްލައި އިތުރަށް ދަށަށް ދާނެ: އައިއީއޭ


ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބެން ހުންނަ މިންވަރު މި އަހަރުގެ ތެރޭގައި 4 އިންސައްތައިން ދަށަށް ދާނެ ކަމަށް ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާ، އައިއީއޭ ބުނެފިއެވެ. އައިއީއޭއިން އެހެން ބުނެފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން އަނެއްކާ ވެސް ފެށި، ތެލުގެ ސަޕްލައިއަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އީރާނާއި އެމެރިކާއިން ވަނީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ފެށި ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އޭގެ ފަހުން، މިދިޔަ ޖޫން މަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެސް ދާއިމީ ސިފައެއްގައި ޞުލްޙަ ޤާއިމް ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެ އެއްބަސްވުން ރޫޅި ދެ ޤައުމުން ވަނީ އަނެއްކާ ވެސް ހަމަލާތައް ބަދަލުކޮށްފައެވެ. އަނެއްކާ ވެސް މަޝްވަރާތައް ކުރަން ފަށާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ހަމަލާތައް ފެށިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނެއްކާ ވެސް ހަމަލާތައް މެދުކަނޑާލައިފައެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް ހުރްމުޒް ކަނޑުއޮޅީގައި ހަމަލާތަކެއް ވަނީ ދީފައެވެ. އަދި އީރާނަށް ވާގިވެރިވާ ޔަމަނުގެ ޙޫޘީން ވެސް ވަނީ ރަތް ކަނޑުގައި ހަމަލާތައް ދޭން ފަށައިފައެވެ.

އައިއީއޭއިން ބުނީ މި އަހަރު ދުވާލަކު 4.3 މިލިޔަން ފީފާގެ ނިސްބަތުން ތެލުގެ ސަޕްލައި ދަށަށް ދާނެ ކަމަށެވެ. މިއީ ގާތްގަނޑަކަށް 4 އިންސައްތައިގެ ދަށްވުމެއް ކަމަށް ފާހަގަކޮށް އެ އިދާރާއިން ބުނީ އޭގެ ސަބަބުން ތެލަށް ޑިމާންޑު އޮތް މިންވަރަށް ވުރެ، ބާޒާރުގައި ލިބެން ހުންނަ ތެލުގެ ނިސްބަތް ގާތްގަނޑަކަށް ދުވާލަކު 1.27 މިލިޔަން ފީފާއިން މަދުވާނެ ކަމަށެވެ. އެއީ އައިއީއޭއިން ޖުލައި މަހު ކޮށްފައިވާ އަންދާޒާއަށް ވުރެ ދުވާލަކު 860،000 ފީފާ ދަށް ޢަދަދެކެވެ.

އައިއީއޭއިން ބުނީ ޖުލައި މަސް ފެށުނު އިރު މެދުއިރުމަތިން ތެޔޮ ބަރުކުރާ މިންވަރު ދުވާލަކު 20 މިލިޔަން ފީފާއަށް އިތުރުވި ކަމަށެވެ. ނަމަވެސް މަހުގެ ފަހުކޮޅު އެ ޢަދަދު ވަނީ ދުވާަލަކު 12 މިލިޔަން ފީފާއަށް މަދުވެފައި ކަމަށް އެ އިދާރާއިން ބުނެއެވެ.

އައިއީއޭއިން އިތުރަށް ބުނީ މެދުއިރުމަތިން ތެޔޮ އުފައްދާ މިންވަރު ޖުލައި މަހުގެ ތެރޭގައި ހުރީ ހަނގުރާމައިގެ ކުރީގެ ދުވަސްވަރަށް ވުރެ ދުވާލަކު 8.3 މިލިޔަން ފީފާއިން ދަށަށް ގޮސްފައި ކަމަށެވެ. ހަނގުރާމައިގެ ޙާލަތު އެންމެ ގޯސްވިއިރު މެދުއިރުމަތިން ތެޔޮ އުފައްދާ މިންވަރު ދަށަށް ގޮސްފައި ވަނީ ދުވާލަކު 14 މިލިޔަން ފީފާގެ ނިސްބަތުންނެވެ.

އައިއީއޭއިން ލަފާކުރާ ގޮތުގައި ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ތެލުގެ ބާޒާރުގައި ތެޔޮ ލިބެން ހުންނަ މިންވަރު ދުވާލަކު 1.8 މިލިއަން ފީފާއިން މަދުވާނެއެވެ. އެއީ ޖުލައި މަހުގައި އެ އިދާރާއިން އަންދާޒާ ކުރި މިންވަރަށް ވުރެ ދުވާލަކު އެއް މިލިޔަން ފީފާ މަދު ޢަދަދެކެވެ. އެ ޢަދަދާއެކު ހިނގަމުންދާ ކުއާޓާ ވެގެންދާނީ 2021ވަނަ އަހަރުގެ ފަހު ކުއާޓާއަށް ފަހު، ކުއާޓާއެއްގައި ތެލުގެ ސަޕްލައި އެންމެ ބޮޑަށް ދަށަށްދާ ފަހަރަށެވެ.