ޚަބަރު

ޑިޖިޓަލް ބްރޯޑްކާސްޓިންގ ނިޒާމް ހަރުދަނާކުރުމުގެ މަޝްރޫޢު


ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނިޒާމު ތަރައްޤީ ކުރެއްވުމުގައި ޖަޕާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން 2014 ވަނައަހަރު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއަށްފަހު މިކަމާ ގުޅޭ ދިރާސާތައް ކުރައްވައި، ރަސްމީ މަޝްވަރާތައް ދެޤައުމުގެ ކަމާބެހޭ މުއްސަސަތާތަކާއެކު ޖަޕާނު ސަރުކާރުން ވަނީ ކުރައްވާފައެވެ. މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ދެޤައުމު ސަރުކާރުން ސޮއިކުރައްވާފައިވާއިރު މިއެއްބަސްވުމުގެ ދަށުން ޖަޕާނުން ދިވެހިރާއްޖޭގެ ޑިޖިޓަލް ބްރޯޑްކާސްޓިންގ ނިޒާމު ހަރުދަނާކުރެއްވުމަށް 415 މިލިއަން ރުފިޔާގެ އެހީ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޖަޕާނުގެ އައި.އެސް.ޑީ.ބީ.ޓީ ސިސްޓަމް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޓްލެވިޜަން ބްރޯޑްކާސްޓިންގ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓެރެސްޓެރިއަލް ބްރޯޑްކާސްޓިން މިހާރަށްވުރެ ފުޅާކޮށް، ޒަމާނީ ގޮތްތަކަށް އެންމެހާ ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި، ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކެނޮލޮޖީއެއްގެ އެހީގައި ޤާއިމް ކުރެވޭ މި ނެޓްވަރކް މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ލިބިގެންދާނެއެވެ. މިއާއެކު ދިވެހިރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށް ޑިޖިޓަލް ޓެރެސްޓީރިއަލް ކޮށް ބޮރޯޑްކާސްޓްކުރާ ކޮންޓެންޓް ފޯރުކޮށްދެވޭނެއެވެ. މިއީ މިހާރު ހުންނަ ނިޒާމަށްވުރެ ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ނިޒާމެކެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ ޖަޕާނު ސަރުކާރާއެކު މިވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަމަލީ މަސައްކަތް ނިންމަވައި ބޭނުންކުރަން ފެއްޓެވުމާއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް އެންމެ ރަނގަޅު ފެންވަރުގައި ބްރޯޑްކާސްޓިންގ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. މި ހިދުމަތް މައުލޫމާތު ފޯރުކޮށްދިނުމާއި، ޢާންމު ރައްޔިތުންނަށް މައުލޫމާތު ހޯދުމަށް ލިބިގެންދާނެ ފަސޭހައަކަށްވާންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤުދުރަތީ ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް މިމަޝްރޫޢުގެ ސަބަބުން ކަމާބެހޭ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ތަރައްޤީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގައި ޖަޕާނު ސަރުކާރުގެ މުހިންމު ޙިއްޞާއެއްވާކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒުމީ އެންޑޯ ވިދާޅުވީ މިމަޝްރޫޢަކީ މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ކުރިއެރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށެވެ.

ޖަޕާނު ސަރުކާރާއެކު ސޮއިކުރެވުނު ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ނެޓްވޯކް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ޓްރާންސްމިޓްކުރާ ސިސްޓަމެއް ޤާއިމުކުރައްވައި، މިކަމަށް ބޭނުންވާ އެންޓަނާއާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ޖަޕާނު ސަރުކާރުގެ އެހީގައި ޤާއިމުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވައި 2018 ވަނައަހަރުގެ ތެރޭގައި ނެޓްވަރކް ޤާއިމްކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި ރަސްމިއްޔާތުގައި ޕަބްލިކް ސާރވިސް މީޑިއާގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.