އޭއެފްސީ ޗެލެންޖް ލީގުގައި ތަޖިކިސްތާނުގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވާނެ ކަމަށާއި އެހެންނަމަވެސް މުބާރާތުގެ ރަނގަޅު ހިސާބަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ދެވޭނެކަމަށް ގަބޫލުކުރާކަމަށް ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އާ މީގެކުރިން ވާހަކަދައްކަމުން މާޒިޔާގެ މެނޭޖަރު އިބްރާޙީމް ވަހީދު ވަނީ، ޓީމުގެ މެނޭޖްމަންޓުން މި މުބާރާތަށް ކަނޑައަޅާފައިވާ ޓާގެޓަކީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުންކަން ހާމަކޮށްފައެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއީ ހާސިލް ކުރެވިދާނެ ޓާގެޓެއްތޯ އަހައި "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބު ދެމުން ސަމޫހު ވަނީ، މިއީ ކުރެވޭނެކަމެއްކަމަށް ބުނެފައެވެ.
"އާދެ. އިރާދަކުރެއްވިއްޔާ މި ޓީމާ އެއްކޮށް ހަމަ ރަނގަޅު ހިސާބަކަށް ދަތުރުކުރާނެ. ހުރިހާ ޕްލެޔަރުން ވެސް އެބަ މަސައްކަތްކުރޭ އެކަމަށްޓަކައި". ޓީމާއިމެދު އޮތް އިތުބާރު ހާމަކޮށް ސަމޫހު ބުންޏެވެ.
މާޒިޔާއިން މި ސީޒަނާ ކުރިމަތިލީ ބޮޑު ޗެލެންޖަކާ އެކުއެވެ. އެގޮތުން ފާއިތުވީ ފަސް ވަރަކަށް އަހަރު ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ބައެއް ކުޅުންތެރިން މި ސީޒަނުގައި އެ ޓީމު ދޫކޮށް ދިއުމުން، މި ސީޒަނުގައި މާޒިޔާއިން ނެރުނީ ވަރަށް ޒުވާން ސްކޮޑެކެވެ. އަދި ބޮޑެތި މެޗުތަކުގައި އެ ކުޅުންތެރިންނަށް އިތުބާރުކޮށް ކުޅެން އަރުވައި، ކާމިޔާބީތައް ހޯދާފައިވެއެވެ.
ރާއްޖޭގައި ކުޅޭ މުބާރާތްތަކާއި ބައިނަލްއަގްވާމީ މެޗުތަކާ ތަފާތުވި ނަމަވެސް، ޒުވާން ކުޅުންތެރިންނާއިމެދު ފުރިހަމަ އިތުބާރު އޮތްކަން ސަމޫހް ހާމަކުރިއެވެ. އުމުރުން ހަގުވި ނަމަވެސް އެއީ މާޒިޔާގެ "ސީނިއަރ" ކުޅުންތެރިންކަމަށް ސަމޫހް ބުންޏެވެ.
"މާޒިޔާގެ ސީނިއަރ ޓީމުގައި އެތިބީ ހުސް މާޒިޔާގެ ސީނިއަރ ޕްލެޔަރުން. އުމުރުން ކުޑަވެދާނެ. އެކަމަކު ގިނަ މެޗުތަކެއް ކުޅެފައި ތިބި ކުޅުންތެރިން އެއީ. ގިނަ އަހަރުތަކެއް ވަންދެން ޕްރެކްޓިސްގައި ބައިވެރިވެފައި ތިބި ކުޅުންތެރިން އެއީ. އެ ޕްލެޔަރުންނަކީ ވަކި ޒުވާން ކުޅުންތެރިންނޭ، ސީނިއަރ ޕްލެޔަރުންނާ ތަފާތުވާނެ، އެހެނެއް ނޫން. ހުރިހާ ޕްލެޔަރުންވެސް ހަމަހަމަ ވާނެ". ކެޕްޓަން ސަމޫހް ބުންނެވެ.
ޓީމާއި، ޙާއްސަގޮތެއްގައި ޒުވާން ކުޅުންތެރިންނާއިމެދު ފުރިހަމަ އިތުބާރު އޮތްކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ވެސް ކެޕްޓަންކަން ކުރަމުންދާ ސަމޫހް ބުނިއިރު، މާޒިޔާއިން މި ސީޒަނުގައި ބޭނުންކުރާ ސްކޮޑުގެ އެވަރެޖް އުމުރަކީ 23 އަހަރެވެ.
މާޒިޔާއިން ވަނީ މި ސީޒަނަށް އައު ބިދޭސީ ކުޅުންތެރިންތަކެއްވެސް ޓިމަށް ގެނެސްފައެވެ. އެގޮތުން ގެނައި ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ތޯމަސް ކޫކޫ، ސާބިއާގެ ނެމަންޖާ ޑްރަވްކޮވިޗް އަދި ނިކޮލާ ވުޖިސިޗް ވަނީ މާޒިޔާއިން ކަޕް ވިނާސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާއާއި ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހު ރާއްޖެ ގަޑިން 15:00ގައެވެ. އެ މެޗު ކުޅޭނީ މާލޭގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.