ޚަބަރު

ހިމަބިހީގެ ކޭސްތަކުގެ އަދަދު 216އަށް


  • މިދިޔަ ހަފްތާގައި 17 ކޭސް ވަނީ ފެނިފައި

  • މިހާތަނަށް 14،701 މީހަކަށް ވެކްސިން ދީފައިވޭ

އަހަރުގެ މިހާތަނަށް މީސެލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވްމި މީހުންގެ އަދަދު 216އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ތެރޭގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަޙައްދުން ވަނީ ފެނިފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ހިމަބިއްސަށް ޕްޒިޓިވްވި 13 މީހުންނާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިއާއެކު އަހަރުގެ މިހާތަނަށް ހިމަބިހީގެ 216 ކޭސް މިވަނީ ފެނިފައެވެ.


ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަޙައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން ބަލީގެ ފުރަތަމަ ކޭސްއާއެކުވެސް އެޗްޕީއޭއިން ޢަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެހެންކަމުން މޮނީޓަރކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ފެށިއެވެ. އަދި މިހާތަނަށް 14،701 މީހަކަށް މިވަނީ ވެކްސިން ދީފައެވެ.

ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ ޢަލާމަތްތައް ހުރިނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން ހުމާއި ރޯގާގެ ޢަލާމާތްތަކާއެކު، ގައިގައި ހިމަ ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ ވީހަވެސް އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިއްމުކަމެކެވެ. އަދި އެފަދަ ފަރާތްތަކުން ސިއްޙީ ފަރުވާ ހޯދުމަށްދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ.

މިދުވަސްވަރު ޗުއްޓީއަށްފަހު މާލެއިން އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރުމުގައިވެސް ސަމާލުވުމަކީ މުހިންމުކަމެކެވެ. އެނބުރި ރަށަށް ދިޔުމަށްފަހު ހުމާއި ރޯގާގެއް އެއްވެސް ޢަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަމެކެވެ. އަދި ސްކޫލް ކުދިންވެސް ހުމާއި ރޯގާގެ ޢަލާމާތްތައް ހުރިނަމަ ސްކޫލަށް ނުފޮނުވުމަކީ ރައްކާތެރިކަމަށްޓަކައި މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭކަމެކެވެ.