ޚަބަރު

ޢުމާން ކައިރިން ޓޭންކަރަކުން ބޭރުވި ތެޔޮ 400 ކިލޯމީޓަރުގެ ސަރަހައްދަކަށް


ޢުމާނުން ޙިމާޔަތް ކޮށްފައިވާ ކަނޑުގެ ސަރަޙައްދެއް ކައިރިން ފަރަށް އެރި ޓޭންކަރަކުން ބޭރުވަމުންދާ ތެޔޮ 400 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. 'ކެރޮލައިން ބިޒިންގީ' ގެ ނަން ދީފައިވާ މި ޓޭންކަރަކީ، ރަޝިޔާއިން ތެޔޮ ބަރުކޮށްގެން އޭޝިޔާގެ ޤައުމުތަކަށް ގެންދިޔުމަށް ދަތުރު ކުރަމުންދިޔަ އުޅަނދެކެވެ. އެއް މިލިޔަން ފީފާގެ ތެޔޮ ބަރުކޮށްފައި ހުރި މި އުޅަނދަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ޖޫން 8 ވަނަ ދުވަހު ޔަމަންގެ އައްސޭރިފަށުންނެވެ. އުޅަނދުގައި ބާރުގަދަ އެއްޗެއް ގޮވާފައިވާ ކަމަށް ބެލެވޭއިރު، އެ އުޅަނދަށް ހަމަލާދިން ކަމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އެ އުޅަނދުން ބޭރުވަމުންދާ ތެލުގެ ފަށަލައެއް 400 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދަކަށް ފެތުރިފައި ވަނީ ޢުމާންގެ ޙަލާނިޔާތު ޖަޒީރާތައް ކައިރިއަށެވެ. އެއީ، ޢުމާންގެ ރަސްގެފާނު ހައިޘަމް ބިން ޠާރިޤުގެ ޤަރާރެއްގެ ދަށުން ޙިމާޔަަތް ކޮށްފައިވާ ސަރަޙައްދެކެވެ. އެއީ، އެއީ ޢަރަބި ކަނޑުގެ ހަމްޕްބެކް ވޭލް އަދި ސޮކޮތުރާ ކޮރްމޮރެންޓް ކިޔާ ދޫނިތަކެއް ދިރިއުޅޭ ޤުދުރަތީ މާޙައުލެކެވެ.

ޢުމާންގެ ތިމާވެއްޓާ ބެހޭ އިދާރާއިން ބުނީ، އެ ސަރަޙައްދަށް ފެތުރިފައިވާ ތެޔޮ ފަށަލަ، އެ ޤައުމުގެ އައްސޭރިފަށާ ހަތް ކިލޯމީޓަރު ކައިރިއަށް ފޯރާފައިވާ ކަމުގައެވެ. ނަމަވެސް، މި ވަގުތު އެ ކަމުގެ ސަބަބުން ބޯފެން އުފެއްދުމަށާއި ފަތުރުވެރިކަމަށް ނުރައްކަލެއް ނެތް ކަމުގައި އެ އިދާރާއިން ބުނެއެވެ. ތިމާވެށި ޙިމާޔަތްކުރުމަށް ވަކާލާތުކުރާ ގްރީންޕީސް ޖަމުޢިއްޔާއިން ބުނީ، އެ ތެޔޮ ފަށަލަ 600 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރި، ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.

މަސްރަޙުގެ ދާރިސް ޓޯނީ ގުތިއެރޭޒް ވިދާޅުވީ، ކެމިކަލް ބޭނުންކޮށްގެންނާއި 'ބޫމް' ފަދަ އާލާތްތައް ބޭނުންކޮށްގެން ކަނޑަށް އެޅިފައިވާ ތެޔޮ ސާފުނުކޮށްފި ނަމަ، އެ ސަރަޙައްދުގެ ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބުމުގެ ނުރައްކާ ބޮޑު ކަމުގައެވެ. މަސްރަޙުގެ އެހެން ދާރިސެއް ކަމުގައިވާ ޖޯން އޭމޮސް ވިދާޅުވީ، މި ހާދިސާ ހިނގި ފަހުން ދެ މަސް ދުވަސް ފާއިތުވެފައިވާއިރު، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަން ހާމަވާން ނެތް ކަމުގައެވެ. އަދި، އުޅަނދުގައި ބާކީ ހުރި ތެޔޮ ނެގުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަން ފާހަގަކުރައްވައި، އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.