ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 294000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި 295،678 ބިދޭސީން އުޅެމުންދިޔަކަމަށެވެ. އޭގެތެރެއިން 27،200 ބިދޭސީން ފިޔަވައި، ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ އެއްވެސް ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއަކު ނެތް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެ 27،200 ބިދޭސީން ފިޔަވައި ރާއްޖޭގައި އުޅެމުންދިޔަ 270،000އެއްހާ މީހުންނަކީ ކާކުކަން ނޭނގޭ މީހުންކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 294،000 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށެވެ. އަދި މިހާރު ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައިނުވެ ތިބީ، 1102 މީހުންކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތުން މިހާރު ރާއްޖޭގައި އަޅުގަނޑުމެން ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައި ނުވެ ތިބީ 1102 މީހުން. މާނައަކީ ކުރީގައ295،000ި މީހުންގެ ތެރެއިން 294000 މީހުންގެ މަޢުލޫމާތު ވާނީ އެއްކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.