ޚަބަރު

މަޖިލީހުގެ 3 މެމްބަރެއްގެ ނަން ޕާޓީ ދަފްތަރުން އުނިކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ 3 މެމްބަރެއްގެ ނަން ޕާޓީގެ ދަފްތަރުން އުނިކުރައްވާ އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ޕާޓީތަކުގެ ދަފްތަރުން ނަން އުނިކުރައްވާފައިވަނީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ޞާލިހާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ޢަބްދު ﷲ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރު ކާށިދޫ ދައިރާގެ މަޖިލިސް މެމްބަރު ފައިސަލް ނަސީމެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި 3 މެމްބަރުންގެ ނަން ޕާޓީގެ ދަފްތަރުން އުނިކުރެއްވީ އިނގިލީގެ ނިޝާނާއި އެކު ޕާޓީގެ މެމްބަރޝިޕް ފޯމް ހުށައަޅަން ދެއްވި އެއްމަސްދުވަހުގެ ތެރޭގައި އެކަން ކުރައްވާފައި ނުވާތީ ކަމަށެވެ.

އެމްޑީޕީގެ ދަފްތަރުން އިބްރާހިމް މުޙައްމަދު ޞާލިޙާއި އީވާ ޢަބްދު ﷲ ގެ ނަން އުނިކުރައްވާފައިވާއިރު އެ ދެބޭފުޅުންނަކީ އެމްޑީޕީ އުފެއްދެވުމުގައިވެސް އިސް ސަފުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނެވި އިސްލާޙުގެ ދަށުން އެއްވެސް ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ ފިންގަރ ޕްރިންޓާއިއެކު މަޢުލޫމާތު ފޯމް ހުށައަޅައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން އަލަށް އެކުލަވާލި ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން މިހާރު މެމްބަރުން އެންމެ ގިނައީ ވެރިކަންކުރާ ޕީޕީއެމްގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 37،633 އެވެ. ޕިންގަރ ޕްރިންޓް ނެތުމުން ކުރިން އެމްޑީޕީގައި ތިބި މެމްބަރުންގެ ޢަދަދުން ދެބައިކުޅަ އެއްބައި މަދުވެ މިހާރު އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބީ 27،805 މެމްބަރުންނެވެ.