ސިއްހަތު

އައިޖީއެމްއެޗުގެ ޚިތާނު ޕެކޭޖަށް ބޮޑު ތަރުޙީބެއް


ސްކޫލް ޗުއްޓީއާއި ދިމާކޮށް އައި.ޖީ.އެމް.އެޗުން ތަޢާރަފްކޮށްފައިވާ ޚިތާން ޕެކޭޖުގެ ދަށުން ޚިތާނު ކުރުމަށް މިހާތަނަށް 750 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ. 

އައިޖީއެމްއެޗުގެ ޕީއާރު އެންޑް މީޑިއާ ޑިރެކްޓަރ އަޙުމަދު މަޢުސޫމް ވިދާޅުވީ ނޮވެމްބަރުމަހުގެ ފަހު ހަފްތާގެ ތެރޭގައި ޚިތާން ޕެކޭޖްގެ ދަށުން ޚިތާން ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ޚިތާނު ކުރުމަށް އަޅުގަނޑުމެން ފަށާނީ ނޮވްމެބަރުމަހުގެ ނަވާރަ ހިސާބުގައި. ސްކޫލް ބަންދުވުމާއެކު ޚިތާނު ކުރުމުގެ މަސައްކަތް ފަށާގޮތައް ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާއާއި ހިސާބަށް ޚިތާނު ޕެކޭޖްގެ ދަށުން ޚިތާނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނަން. އަންދާޒާ ކުރަނީ 500-600 އަދަދަކަށް ޕެކޭޖުގެ ދަށުން ޚިތާނުކޮށް ނިންމާލެވޭނޭކަމަށް." އަޙުމަދު މަޢުސޫމް ވިދާޅުވިއެވެ. 

ސްކޫލް އަހަރީ ޗުއްޓީއާއި ދިމާކޮށް އައި.ޖީ.އެމް އެޗުން ތައާރަފްކުރެއްވި ހިތާނީ ޕެކޭޖްގެ ދަށުން ޚިތާނު ކުރުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަންނޯޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.  އައި.ޖީ.އެމް އެޗުން ވިދާޅުވީ، ޚިތާނު ޕެކޭޖަށް ނަންނޯޓް ކުރުން ކުރިއަށްގެންދަވާއިރު، ޚިތާނު ކުރުމަށް ބޭނުންވާ އެންމެހައި އެހެނިހެން ތައްޔާރީތައްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޚިތާނު ކުރުމަށް ބޭނުންވާ ހުރިހައި ޓެސްޓްތައް ހެދުމާއި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްވެސް މިޕެކޭޖުގެ ދަށުން ހަމަޖެހިގެންދާނޭކަމަށް މަޢުސޫމް ވިދާޅުވިއެވެ.

"ޚިތާނު ކުރުމަށް ބޭނުންވާ ޚާއްޞަ ވޯޑްތައް ތައްޔާރުކޮށް، ވޯޑް ޒީނަތްތެރިކޮށް، އެތަނަކީ ޚިތާނުކޮށްފައި ތިބޭ ކުދިންނަށް ހިތްފަސޭހަ އުފާވެރި މާޙައުލަކަށް ހަދާދޭނަން. މިފަހަރުވެސް ޚިތާނު ޕެކޭޖުގެ ދަށުން، ޚިތާންކުރުމަށް ބޭނުންވާ ޓެސްޓުތައް ހެދުމާއި، ޚިތާނު ކުރުމުގެ ކުރިންނާއި ފަހުން ހަދަންޖެހޭ ޓެސްޓުތައް ޕެކޭޖުގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސައިދޭނަން ޕެކޭޖުގެ ތެރެއިން. ފުދޭ ވަރަކަށް ރަނގަޅަށް އަޅުގަނޑުމެން މިކަން ކުރިޔަށް ގެންދާނަން." މަޢުސޫމް ވިދާޅުވިއެވެ. 

ޚިތާނު ޕެކޭޖުގެ ދަށުން ޚިތާނު ކުރުމަށް ބޭނުންވާ ކުދިންގެ ނަންނޯޓް ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށާއި އޯ.ޕީ.ޑީ ބަންދު ނޫން ދުވަސްތަކުގައި ހޮސްޕިޓަލުގެ ސާޖަރީ ކައުންޓަރުން ހެނދުނު އަށަކުން ހަވީރު ހަތަރެއް ޖަހަންދެން ނަންނޯޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ. ޚިތާނު ކުރުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދެއްވަނީ ނަންނޯޓްކުރާ ތަރުތީބުންކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވިއެވެ.