ޚަބަރު

އިންތިޚާބީ ބޭފުޅުން ޕާޓީ ބަދަލުކުރުމަކީ ގޯހެއް- ރައީސް


ސިޔާސީ ޕާޓީގެ ޓިކެޓްގައި މަޤާމުތަކަށް މީހުން އިންތިޚާބުކުރަނީ އެ ޕާޓީއެއްގެ ފިކުރު ބަލައިގަނެ އުސޫލުތައް ޤަބޫލުކޮށްގެންކަމަށާއި، އިންތިޚާބުވެފައި ތިބޭ މީހުން ޕާޓީ ދޫކޮށް ފިކުރު ބަދަލުކުރުމަކީ ހަދާ ގޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙަށް އިޝާރާތްކުރައްވާ ށ. ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ސިޔާސީ ޕާޓީއަކީ ކުންފުންޏެއް ނޫންކަމަށާއި ރައްޔިތުންނާމެދު ތަސައްވުރަކާއި އުޞޫލެއް އޮންނަ ތަނެއްކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާ، ތެދުވެރި އިޚްލާސްތެރި ބައެއްކަން ޤަބޫލުކުރާ ޕާޓީތަކުން އަންނަ މެމްބަރުން ރައްޔިތުން ބަލައިގަންނަކަށާއި އެފަދަ ޕާޓީތަކަށް މެމްބަރުންވެސް އިތުރުވަމުން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14774713108762.jpg|ރައީސް ޔާމީން ހދ އާއި ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މި އުސޫލުތަކުގައި ޕީޕީއެމަކީ ނަމޫނާ ޕާޓީއެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންނާ ހަމަޔަށް އަންނަ މީހަކު މަޤާމަކަށް ރައްޔިތުން އިންތިޚާބު ކުރަނީ ޕާޓީގެ ފިކުރާއި، އެ މީހަކު ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކައިގެން އެ ފަރާތްތަކުގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް އުފައްދައިދީގެން ކަމަށެވެ. ރައްޔިތުން މީހަކު ބަލައިގަންނަނީ އެޕާޓީއަކުން ރައްޔިތުންނަށް ހުށައަޅާ މެނިފެސްޓޯއަކަށްކަމަށާއި އަދި އެމީހެއްގެ ފޮޓޯ ގަނޑަށް ބަލައިގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ. މީހެއްގެ ފޮޓޯއެއް ދައްކައިގެން ވެރިކަމަށާއި، ރައްޔިތުންގެ މަޖިލީހަށް މީހުން އިންތިޚާބުކުރުމަކީ މާޒީކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ރައީސްކަމަށް ކުރިމަތިލާ މީހަކީ މުރާލިކަމާ ހިކުމަތްތެރިކަމާއެކު ރައްޔިތުން ބަލައިގަންނަ މީހެއްކަމަށް ވާންޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންނާ ހަމަޔަށް ނިކުންނަ މީހަކު ދައްކާ ވާހަކައިގެ އިތުބާރެއް އޮންނަންޖެހޭނެ ކަމަށާއި އެ މީހެއްގެ ބަހާއި އަމަލާ ދިމާވާން ވެސް ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، މިހުރިހާ މަސައްކަތަކަށްފަހު އެ މަޤާމަކަށް ހޮވޭ މީހަކު އެމީހެއްގެ ފިކުރު ދޫކޮށް ސިޔާސީ ގޮތަކަށް އެހެން ފިކުރަކަށް ބަދަލުކުރުމަކީ ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމެއް ނޫންކަމަށްވީ ނަމަވެސް އެއީ އެމީހަކަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށާއި، ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14774713674009.jpg|ރައީސް ޔާމީން ހދ އާއި ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީއެއްވެސް ރައްޔިތުންގެ މެދުގައި މަޤުބޫލުވަނީ ވަކި މީހެއްގެ ސަބަބުން ނޫންކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން އެ ޕާޓީ އަކީ އުސޫލްތަކެއްގެ މައްޗަށް އޮތް ޕާޓީއްތޯ ރައީސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ. މިއީ ރައްޔިތުން ވިސްނާލުން މުހިންމު ކަމެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީ އަކީ އެންމެން ޝާމިލް ކުރުވައިގެން ކަންކަން ކުރިއަށް ގެންދިޔުމުގެ ނިޒާމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް ސަރުކާރު ހިންގާ ޕާޓީއަކީ އެ އުސޫލުތަކަށް ބިނާވެފައިވާ ޕާޓިއެއްކަމަށާ އެ އުސޫލުތައް ރައްޔިތުން ބަލާގަންނަކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ރައްޔިތުން ބޭނުންވަނީ ތަރައްޤީކަން އެނގިވަޑައިގަންނަވާކަމަށާއި، ސަރުކާރުގެ އަމާޒު ހުރީވެސް އެދިމާލަށްކަމަށް ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކަށްވެސް އެއްބާރުލުންދޭ ތަނަކަށް ޚިދުމަތްތައް މަޝްރޫޢުތައް ގެނެސްދިނުމަށް ސަރުކާރަށް ފަސޭހަވާނެކަން ފާހަގަކުރައްވާ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށްދާނެ، ސަރުކާރުގެ ފިކުރަށް ތާޢީދުކުރާ އަޤްލަބިއްޔަތު އޮންނަ ކައުންސިލެއް އިންތިޚާބުކުރުމަށް ރައީސް ގޮވާލެއްވިއެވެ.