ޚަބަރު

ދިވެހިރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅިގެން "ދޯސްތީ 13" ފަށައިފި


"ދޯސްތީ" ޓްރައިލެޓްރަލް ތަމްރީންތަކަކީ ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑްގެ ޓީމްތައް ހިމެނޭގޮތުން ކުރިއަށްގެންދާ ތަމްރީންތަކެކެވެ. މިއަހަރުގެ ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީނުތަކަކީ ތިންޤައުމުގެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމަށް ތިން ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި ބައިވެރިވާ 3 ޤައުމުގެ ކޯސްޑްގާޑް މުއައްޒަފުންނަށް ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި، ޤުދުރަތީ ކާރިސާތަކުގައި ޢަމަލުކުރާގެ ގޮތުގެ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ދޯސްތީ" ޓްރައިލެޓްރަލް ތަމްރީންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ އިންޑިއާ އަދި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖޭގެ ޢަސްކަރީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ރާއްޖެއަށް ކޮށްދެއްވާ ޚިދުމަތްތައް މިނިސްޓަރ ފާހަކުރެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/14774700391939.jpg|"ދޯސްތީ 13" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖެއާއި އިންޑީއާ އަދި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ކަނޑުގެ ސަރަޙައްދުގެ ސަލާމަތަކީ 3 ޤައުމުގެ ޤައުމީސަލާމަތް ކަށަވަރުކުރެއްވުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަމަށްވުމުން މިދާއިރާއިން ތިންޤައުމުގެ އަސްކަރިއްޔާގެ ގުޅުން ވަރުގަދަ ވާންޖެހޭނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް ދިވެހި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭބޭފުޅުންވެސް ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން 3 ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14774700800381.jpg|"ދޯސްތީ 13" ތަމްރީންތަކުގައި ބައިވެރިވާ ލަންކާގެ ކޯސްޓްގާޑުގެ އުޅަނދެއް

މިއީ ދޯސްތީގެ ނަމުގައި ކުރިއަށްގެންދާ މިފަދަ 13 ވަނަ ތަމްރީނު ޕްރޮގްރާމެވެ. މި ފްރޮގްރާމް ފުރަތަމަ ފަށާފައިވަނީ 1991 ވަނައަހަރު ރާއްޖެއާއި އިންޑިއާ ހިމެނޭ ބައިލެޓްރަލް ތަމްރީން ފްރޮގްރާމެއްގެ ގޮތުގައެވެ. އެހެންނަމަވެސް 2012 ވަނަ އަހަރުން ފެށީގެން ސްރީލަންކާއިންވެސް ވަނީ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މިއަހަރު ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް އޮކްޓޫބަރު 26 އިން 29 އަށް ކުރިއަށްގެންދާނެއެވެ. މި ތަމްރީންތަކުގައި 3 ޤައުމުގެ ކަނޑުގެ އަދި ވައިގެ އަސްކަރީ އުޅަނދުތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.