ޚަބަރު

ރައީސް ޔާމީން، މަކުނުދޫ މިސްކިތާއި ބަނދަރު ހުޅުވައިދެއްވައިފި


ސަރުކާރުން ހދ. މަކުނުދޫގައި ތަރައްޤީކުރައްވާފައިވާ ބަނދަރާއި، އެރަށުގައި ބިނާކުރައްވާފައިވާ "މަސްޖިދު ތަޤްވާ" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުވައިދެއްވައިފިއެވެ. 

މަކުނުދޫގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙުކޮށްދެއްވި ބަނދަރަކީ 2012 ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ތަރައްޤީކުރެއްވި ބަނދަރެކެވެ. މިބަނދަރަކީ ހަތްސަތޭކަ ނުވަދިހަ ފޫޓް ދިގު އަދި ތިންސަތޭކަ ހަތްދިހަ ފަސްފޫޓް ފުޅާ ބަނދަރެކެވެ. މި މަސައްކަތަށް ގާތްގަޑަކަށް 69.3 މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި މަސްޖިދުލް ތަޤްވާ އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ޢިމާރާތް ކުރެއްވުމަށް 5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކުރައްވާފައިވެއެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ 2012 ވަނަ އަހަރުއެވެ.

ހދ މަކުނުދޫ އަކީ އާބާދީގައި 1733 މީހުން ދިރިއުޅެމުންގެންދާ ރަށެކެވެ.