ވިޔަފާރި

ވިޔަފާރިތައް ކުރިއެރުވުމަށް ރަށު ފެންވަރުގައި މަޝްވަރާކުރަނީ


ޅ. ނައިފަރުގައި މާދާމާ ބާއްވާ ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓް ފޯރަމްގެ ނަތީޖާއަށް ބެއްލެވުމަށްފަހު ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް މި ފޯރަމް ބާއްވަވާނެކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ. 

ނައިފަރުގައި ބައްވަވާ ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓް ފޯރަމްގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މި ފޯރަމަކީ ޔޫއެންޑީޕީއާއި ސަރުކާރުގެ މިނިސްޓްރީތައް ގުޅިވަޑައިގެން ކުދި ވިޔަފާރިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ފޯރަމެކެވެ. މި ފޯރަމްގައި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ޅ. އަތޮޅުގެ ރިސޯޓުތަކާއި، ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި މުއައްސަސާތަކާއި، ކުދި ވިޔަފާރި އާ މެދުފަންތީގެ ވިޔަފާރިތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

img:http://s3.psmnews.mv/images/660x400/14774649922114.jpg|ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓް ފޯރަމްއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްބޭފުޅުން މަޢުލޫމާތުދެއްވަނީ

ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓްގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރި އާ މެދު ފަންތީގެ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތައް އެއްމޭޒެއްގައި މަޝްވަރާކުރުމުގެ މަގު ފަހިކޮށްދިނުމާއިއެކު، ވިޔަފާރީގެ ދާއިރާގައި ހުރި ދަތިތަކާއި އަދި ފުރުސަތުތައް ހުށަހަޅައި މިކަންތަކާއި ގުޅޭގޮތުން ޚިޔާލުބަދަލުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް ޞާލިހް ހުސައިން ވިދާޅުވީ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ބާވަތްތައް ރިސޯޓްތަކަށް ތަޢާރަފްކުރުމާއި ރިސޯޓްތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި މިފަދަ ވަޒީފާތަކަށް ކުދިން އަހުލުވެރިކުރުވާ ޝައުޤުވެރިކުރުވުންވެސް ހިމެނޭކަމަށެވެ.