ވިޔަފާރި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރައްވައިފި


މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ނުދައްކާ ބައެއް ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކުރައްވައިފިއެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން، އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާގެ ވެބްސައިޓްގަ މިހާރު ޝާއިޢުކޮށްފައިވާނޭކަމަށް މީރާއިން ހާމަކުރައްވައެވެ. 

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 10 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 86 ފަރާތަކާއެކު ޖުމްލަ 96 ފަރާތެއްގެނަން ހިމެނެއެވެ. މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނޭކަމަށް މީރާއިން ވިދާޅުވެއެވެ. ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން ފާހަގަކުރައްވައެވެ. 

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ހަމަޖެހިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ވިދާޅުވެއެވެ.