ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު


ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުއްވާލައްވައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުންނާއި ރަށު ކައުންސިލްތަކުގެ އިދާރާއިން ފޯމް ބަލައިގަންނަމުންދާނެ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިސްލާހާއެކު ކައުންސިލަތަކަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލާއި އެކު 3،000 ން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް 3 ކައުންސިލަރުން އިންތިޚާބު ކުރާއިރު 3،000 އަށްވުރެ މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ 5 ކައުންސިލަރުންނެވެ.

އަތޮޅޮ ކައުންސިލްތަކަށް އިންތިޚާބު ކުރާނީ 2 އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްގައިނަމަ، ކޮންމެ އިންތިޚާބީ ދާއިރާއަކުން އެންމެ ކައުންސިލަރެކެވެ. ދެ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ 3 ކައުންސިލަރުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގައި ތިއްބަވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އަންނަ އިންތިޚާބުގައި އަތޮޅު ކައުންސިލަރުން އައްޔަން ކުރުމަށް މުޅި އަތޮޅުން ވޯޓް ނަގަންޖެހޭ 5 އަތޮޅެއް އެބައޮތް ކަމަށެވެ. އަދި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި 5 ކައުންސިލަރުން އައްޔަން ކުރާނީ ހަމައެކަނި 13 ރަށަކަށް ކަމަށް އަމްޖަދު ވިދާޅުވިއެވެ.

"އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން އެކަމަށް އެދި ހުށައަޅާއިރު ޑިޕޮޒިޓްގެ ގޮތުގައި ފަނަރަސަތޭކަ ރުފިޔާ ދައްކަންޖެހޭނެ. އިންތިޚާބާއި ބެހޭ ޤާނޫނުގައިވާ ގޮތުން އިންތިޚާބުގައި ވޯޓްދޭ މީހުންގެ ދިހަ އިންސައްތަ ވޯޓް އެމީހަކަށް ލިބިއްޖެނަމަ އެމީހަކު މަޤާމަކަށް އިންތިޚާބު ނުވިނަމަވެސް ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާ ފައިސާ އަނބުރާ އެމީހަކަށް ރައްދުކުރަންޖެހޭ." އިލެކްޝަންސް ކޮމިޝަންސްގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓާނެ ޤައުމުތައް އަންނަ މަހުގެ 15 ވަނަ ދުވަހު އިޢުލާން ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބު އޮބްޒާވްކޮށް މޮނިޓަރކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތުވެސް އަންނަ މަހުގެ 10 ވަނަ ދުވަހު ހުޅުވާލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބު ކުރާނީ ޖުމްލަ 653 ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުންނެވެ. އަދި 3 ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.