ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގައި އީ-ވޯޓިން ބޭނުމެއް ނުކުރާނެ


އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އީ-ވޯޓިން ބޭނުންނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި އީ-ވޯޓީން ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ނިންމަވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އީވޯޓިން ބޭނުން ނުކުރެއްވުމަށް ނިންމެވީ ގިނަ ސިޔާސީ ޕާޓީތަކުން އެކަމަށް އެދިފައިވާތީ އެކަމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

އީ-ވޯޓީން ރާއްޖޭގައި ތައާރަފް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ޤައުމުތަކުގައި ބޭނުންކުރާ އީވޯޓިން ސިސްޓަމްތައް ބައްލަވާ ރާޢްޖެއަށް އެންމެ ރަނގަޅީ ކޮން ސިސްޓަމެއްތޯވެސް ބައްލަވާފައެވެ.

އީވޯޓިން ތައާރަފް ކުރުމާއި އެންމެ ބޮޑަށް އިދިކޮޅު ހަދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެޕާޓީން ބުނަމުން އައިސްފައިވަނީ އީ-ވޯޓީން ރާޢްޖޭގައި ތައާރަފްކުރަނީ އިންތިޚާބުގައި އޮޅުވާލާ މަކަރު ހެދުމަށްޓަކައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވަނީ އީ-ވޯޓިން ރާއްޖެއަށް ތައާރަފް ކުރައްވާނީ ރާއްޖޭގައި އޮންނަ ކުދި އިންތިޚާބުތަކުގައި އެފަދަ ސިސަޓްމަތް ބޭނުންކޮށް، މީހުންގެ އިތުބާރާއި ޔަގީންކަން ހޯދެއްވުމަށްފަހުގައި ކަމަށެވެ.