ކުޅިވަރު

ވީއޭއެމްގެ ޖީއެސްއަކަށް މުހައްމަދު އާދަމް ހަމަޖައްސައިފި.


ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު އާދަމް ހަމަޖައްސައިފިއެވެ. ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް މުހައްމަދު އާދަމް ހަމަޖައްސާ މިއަދު އެކަން އިޢުލާންކޮށްފައިވަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޖެނެރަލް ސެކެޓްރީ ހަމަޖެއްސުމުގެ އިތުރުން، އެކްސްކޯގެ ދަށުން ހިންގާ ކޮމިޝަންތަކުގެ ޗެއާރމަނުންވެސް މިއަދުވަނީ އިއުލާންކޮށްފައެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް މުހައްމަދު އާދަމް ހަމަޖެއްސީ ވަރަށް ގިނަ ކަންކަމަށް ބަލާފައިކަމަށާ، ވޮލީ އެހެން ހަރުފަތަކަށް ގެންދިއުމުގެ ޤާބިލްކަން މުހައްމަދު އާދަމްގެ ކިބާގައި ހުންނާނެކަމަށް ޤަބޫލް ކުރާކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

"މުހައްމަދު އަދަމްއަކީ ކުޅިވަރުގެ މީހެއް. ވޮލީގެ ޖެނެރަލް ސެކްޓްރީއަކަށް ބޭނުންވަނީ އިދާރީ ގޮތުން ރަގަނޅު ހަރުދަނާ މަސައްކަތްތަކެއް ކުރެވި، އަދި ކުޅިވަރު ވިޔަފާރިއަކަށް ބަދަލްކޮށްލާ، ކުޅިވަރު ވިޔަފާރީގެ އުސޫލުން ވިއްކޭ މީހެއްކަމަށް އަޅުގަނޑުމެން ދެކެނީ މުހައްމަދު އާދަމްއަކީ. އެހެންވެ މުހައްމަދު އާދަމްއަކީ މިހުރިހާ ކޮލިޓީއެއް ހުރި، ކުޅިވަރުގެ ހަމަކަނި ފުޓްބޯޅައެއް ނޫން، ބާސްކެޓްގައިވެސް މުހައްމަދު އަދަމް މަސައްކަތް ކުރައްވާފައިވޭ. ކުޅިވަރުގެ ތަޖްރިބާއާ މުބާރާތްތަށް ރޭވުމުގައި އަދި ހުރިހާ ފަރާތްތަކަށްވެސް އިނގޭ ފަދައިން މިދިޔަ އަހަރު ބޭއްވުނު މިނިވަން ފަންސާސް ޗެންޕިއަންޝިޕް ހިންގުމުގައި އެންމެ އިސް ފަރާތަކީ މުހައްމަދު އާދަމް. އެހެންވެ މުބާރާތްތަށް ހިންގާ ރޭވުމުގެ ގާބިލްކަން މުހައްމަދު އާދަމްގެ ކިބާގައި ހުންނާނެކަމަށް ގަބޫލް ކުރެވޭ. އަދި އެސޯސިއޭޝަންއެއް ހިންގުމަށް މިހާރު މާލެއިން ނެގޭނެ އެންމެ ގާބިލް މީހަކީ މުހައްމަދު އާދަމް."

މީގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަންގެ އެކްސްކޯގެ ދަށުން ހިނގާ ކޮމިޝަންތަކުގެ ތެރެއިން ރޫލްސް ކޮމިޝަންގެ ޗެއާރމަން ކަމަށް އައްޔަންކޮށްފައިވަނީ އަލީ އިޔާޒުއެވެ. ޓެކްނިކަލް ކޮމިޝަންގެ ޗެއާރމަންކަމަށް އައްޔަންކޮށްފައިވަނީ ހަސަން އަގުލީމްއެވެ. ބީޗް ކޮމިޝަންގެ ޗެއާރމަންކަމަށް އައްޔަންކޮށްފައިވަނީ މައުމޫރު މުހައްމަދުއެވެ. ޑިސިޕްލިނަރީ ކޮމިޝަނަށް އައްޔަންކޮށްފައިވަނީ މުހައްމަދު ނަޝީދު އަދި އެޕީލް ކޮމިޝަންގެ ޗެއާރމަންކަމަށް އައްޔަންކޮށްފައިވަނީ އަލްއުސްތާޒް ހަސަން ފަލާޙުއެވެ.