ޚަބަރު

އޮޑިއަށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗެއް


  • ރުއީ ގްރެގޯރިއޯ ވަނީ އޭޝިއާގެ ބައެއް ޤައުމުތަކުގައި މަސައްކަތްކޮށްފައި

  • ޕޯޗުގަލްގެ އެކި ޑިވިޝަންތަކުގެ ކުލަބުތަކުގައިވެސް މަސައްކަތްކޮށްފައިވޭ

ރާއްޖޭގެ ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް، ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ ރުއީ ގްރެގޯރިއޯ ހަމަޖައްސައިފިއެވެ.

އޮޑިން މައުލޫމާތުދޭ ގޮތުގައި އައު ކޯޗާއެކު މިހާރު އެ ކުލަބުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާއިރު، ވަރަށް އަވަހަށް އޭނާ އެ ޓީމާ ގުޅޭނެއެވެ.

ގްރެގޯރިއޯ ވަނީ މީގެކުރިން އޭޝިއާގެ ބައެއް ޤައުމުތަކުގައި، ކޯޗިންނާ ގުޅުންހުރި މަސައްކަތްތައް ކޮށްފައެވެ. އެގޮތުން ސައުދީ އަރަބިއްޔާ، އިންޑިއާ، ލުބުނާން އަދި މިޔަންމާގައި އޭނާ މަސައްކަތްކޮށްފައިވެއެވެ. މީގެއިތުރުން، ޕޯޗުގަލްގެ އެކި ޑިވިޝަންތަކުގައި އާއި އެންގޯލާގައި ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.

ރުއީ ގްރެގޯރިއޯ އެންމެފަހުން ފެނިގެންދިޔައީ މިޔަންމާގެ ޑްރެގަން ސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗުގެ ގޮތުގައެވެ. އޭގެކުރިން ލުބުނާނުގެ ސަލާމް ޒުގާތާގެ ކޯޗުކަމާއި ގާނާގެ ބެރަކޫމް ޗެލްސީގެ ކޯޗަކަށް ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ތާވޫން ވާދަކުރިއިރު އެސިސްޓަންޓް ކޯޗަކަށް ހުރި ރުއީ ގްރެގޯރިއޯ ވަނީ މީގެ ކުރިން ތިން ސީޒަނެއްގައި އިންޑިއާގެ ބެންގަލޫރުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

އޮޑި ސްޕޯޓްސް ކުލަބުން އައު ސީޒަނަށް އައު ކޯޗަކަށް ރުއީ ގްރެގޯރިއޯ ހަމަޖައްސާފައިވާއިރު މިހާތަނަށް އައު ސީޒަނުގައި ދެ މެޗު އޮޑިން ވަނީ ކުޅެފައެވެ. އެ ދެމެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ) އެވެ.

މިދިޔަ ސީޒަނުގައި މުޅިން އަލަށް ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑިން ވަނީ ފާއިތުވީ ސީޒަނުގެ ދިވެހި ލީގުގެ ރަނަރަޕް ކަމާއި، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ ފައިނަލުގައި، ދިވެހި ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމަށްފަހުއެވެ.

މިދިޔަ ސީޒަނުގައި އޮޑިއަށް އިރުޝާދު ދިނީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާއެވެ. އެފަހުން އޭނާ ވަނީ އެ ޓީމުގެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ.