ޚަބަރު

މެމްބަރުން އުނިކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި


އެމް.ޑީ.ޕީގެ މެންބަރުންގެ ގޮތުގައި ކުރިން ރަޖިސްޓްރީވެފައިތިބި މީހުންގެތެރެއިން ފިންގަރ ޕްރިންޓް ހުށަނާޅާ ފަރާތްތައް އެޕާޓީގެ ދަފްތަރުން އުނިކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މިއަދު އެމް.ޑީ.ޕީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެގޮތައް ޢަމަލުކުރެއްވުމުން ގިނައަދަދެއްގެ ރައްޔިތުންގެ ޙައްޤުތައް ގެއްލިފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ޢާންމުކުރި ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރު ދައްކާގޮތުން 18 ހާހަށްވުރެ ގިނަ މެންބަރުންގެ ނަންވަނީ އެމް.ޑީ.ޕީގެ މެންބަރޝިޕުން އުނިކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ޢަމަލުކުރައްވާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާހުގައި، ސިޔާސީ ޕާޓީގެ މެންބަރުންނަށް ވެވޭނީ ފިންގަރ ޕްރިންޓް ހުށައަޅައިގެންކަމަށް ކަނޑައަޅުއްވާފައިވުމުން، ކުރިން ފިންގަރ ޕްރިންޓް ހުށަނާޅައިތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުން، ފިންގަރ ޕްރިންޓް ހުށައެޅުމަށް މުހުލަތެއް ދެއްވުމަށްފަހުއެވެ. 

އެހެންނަމަވެސް އެމް.ޑީ.ޕީގެ ނައިބުރައީސް ވަނީ އިލެކްޝަންސް ކޮމިޝަނުން މިގޮތައް ޢަމަލުކޮށްފައިވަނީ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާއެއް ހޯދައިދިނުމަށްކަމަށް ތުހުމަތުކުރައްވާފައެވެ. 

ފިންގަރޕްރިންޓް ހުށަނާޅާ ފަރާތްތައް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނެވި އިސްލާޙްގައި އެގޮތަށް ބަޔާންކޮށްފައިވާތީއެވެ. އިއްޔެ ޢާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ވާގޮތުން އެމް.ޑީ.ޕީގެ މެންބަރުންގެ ޢަދަދަކީ ހަތާވީސް ހާސް އައްސަތޭކަ ފަސް މެމްބަރުންނެވެ.