ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ ސަރަޙައްދުގައިވާ ފަލަސްޠީނުގެ ބިމުގައި، ޣައިރުޤާނޫނީ ޔަހޫދީ "ގީލޯ އާބާދީ" ފުޅާކުރުމަށްޓަކައި އައު 2,300 ހައުސިން ޔުނިޓް ބިނާކުރުމަށް ޔަހޫދީ ކަމާބެހޭ ފަރާތްތަކުން ރާވާފައިވާކަމަށް ޔަހޫދީ ޖަމްޢިއްޔާއަކުން ވަނީ ބުނެފައެވެ.
އަމީމް ޖަމްޢިއްޔާއިން އިންޒާރު ދީފައިވާ ގޮތުގައި، މި މަޝްރޫޢަކީ އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސް، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބައިތުލަޙަމް އާ އިތުރަށް އެކަހެރިކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެކެވެ.
މި މަޝްރޫޢު އެކުލަވާލާފައިވަނީ ޔަހޫދީންގެ "އެބްސެންޓީސް ޕްރޮޕަޓީ ލޯ" ނުވަތަ އަނބުރާ އަންނާނެކަމަށް ނުބެލެވޭ މީހުންގެ މިލްކިއްޔާތާ ބެހޭ ޤާނޫނު ގެ ދަށުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، މި ނުބައި ރޭވުމުގައި ހިމެނޭ މަދުވެގެން 6.9 އޭކަރުގެ ބިން ވަނީ އެ ތަންތަނުގެ ޙައްޤުވެރި ފަލަސްޠީނުގެ މީހުންގެ އަތުން ފޭރިގަތުމަށްފަހު ޔަހޫދީ ދައުލަތުގެ ބިންތަކެއްކަމަށް ކަނޑައަޅައި، ޣައިރުޤާނޫނީ އާބާދީ ފުޅާކުރުމަށް ޚާއްޞަކޮށްފައެވެ. އަދި މި ޕްލޭންގެ ތެރޭގައި ހިމެނޭ އެތަކެއް އޭކަރުގެ ބިމަކީ "މިލްކުވެރިޔާ ނޭނގޭ" ބިންތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ފޭރިގަންނާނެ ބިމުގެ މިންވަރު އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި، އެތަކެއް އަހަރުވީ ގަދީމީ ޒައިތޫނި ގަސްތަކާއެކު ބޮޑެތި ދަނޑުތައް ހިމެނޭއިރު، މިއީ އެ ބިންތަކަކީ ފަލަސްޠީނު މީހުންގެ އަމިއްލަ މިލްކިއްޔާތެއްކަން އަންގައިދޭ ނިޝާނެކެވެ. މި މަޝްރޫޢު ތަންފީޛުކުރަން ފެށުމާއެކު، އެ ގަސްތައް ކަނޑައިލުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ޔަހޫދީން ވަނީ، "އެބްސެންޓީސް ޕްރޮޕަޓީ ލޯ" އާ އެއްގޮތަށް، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 'އޭރިއާ ސީ' ގައިވާ ބިންތައް ދައުލަތުގެ ނަމުގައި ރަޖިސްޓްރީކުރުމުގެ އިޖުރާއަތްތައް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.
ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަންގެ އިންޓަރނޭޝަނަލް ލޯ ޑިޕާޓްމަންޓުގެ ވެރިޔާ، ޙަސަން ބްރެއިޖީ މީގެ ކުރިން އަނަޑޯލޫ އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށްފަހު ދައުލަތުގެ ނަމުގައި ރަޖިސްޓްރީކޮށް، ޔަހޫދީ ނިރުބަވެރިންނަށް ބިންތައް ހަވާލުކުރުމަށް މަގުފަހިކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި މީގެ ސަބަބުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރަޖިސްޓްރީނުކޮށް ހުރި ބޮޑެތި ސަރަޙައްދުތަކަށް ނުރައްކާވެގެންދާނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
އދ އާއި ގިނަ ގައުމުތަކުން ދެކޭގޮތުގައި، އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ބިނާކުރާ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ދެ ދައުލަތުގެ ޙައްލަށް އޮތް ފުރުޞަތުތައް ހަނިވާކަހަލަ ކަމެކެވެ.
ޔަހޫދީންގެ ޕީސް ނައު ހަރަކާތުން އަންދާޒާކުރާ ގޮތުގައި އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 500,000 ޣައިރުޤާނޫނީ ވަޒަންވެރިން ދިރިއުޅެއެވެ. މީގެ އިތުރުން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ އާބާދީތަކުގައި 250,000 ވަޒަންވެރިން ދިރިއުޅެމުންދެއެވެ.
ފަލަސްޠީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި މި މަޝްރޫޢުތަކަކީ ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުމަށާއި، ބިންތައް ފޭރުމަށާއި، ބިމުގެ ޙަޤީޤީ ޙާލަތު ބަދަލުކުރުމަށް ޔަހޫދީން ހިންގާ އަނިޔާވެރި ސިޔާސަތުގެ ބައެކެވެ.