ޚަބަރު

ޓާޓާ ފްލެޓް ލިބޭ ފަރާތްތަކަށް ލިބޭ ތަންތަން ކަނޑައަޅައިފި


ކުރީގެ ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ސަރުކާރުން ޢިމާރާތް ކުރައްވާފައިވާ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭތަންތަން ކަނޑައަޅައިފިއެވެ. މިއަދު އެމް.އެން.ޔޫގެ އޮޑިޓޯރިއަމް ހޯލުގައި ކުރިއަށްދިޔަ ގުރުއަތުލުމެއްގައި ޢަރަބިއްޔާ ހުރި ބިމާއި ގާކޮށި ބިމުގައި ޓާޓާ ކުންފުނިން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 266 ފްލެޓެއް ލިބުނު ފަރާތްތަކުގެ މެދުގައިވަނީ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ. img:http://s4.psmnews.mv/images/660x400/14774044580664.jpg|ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން - ފޮޓޯ: ޕީއެސްއެމް

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްވެސް ހަދާފައިވަނީ 3 ކޮޓަރިއާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެނެވެ. މީގެ އިތުރުން ވައިދައުރުވާނޭހެން ވެންޓިލޭޓަރ ހަރުކޮށް، ފަސޭހައިން އަރާފޭބުމަށް ސިޑީގެ އިތުރުން ލިފްޓުވެސް ބަހައްޓާފައިވެއެވެ. ހަމަ އެހެންމެ އަލިފާނުގެ ޙަދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، މާލެއިން ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް ބެކަޕް ޖަނަރޭޓަރުވެސް ވަނީ އިންސްޓޯލްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެންއަރުވާ ވަޑާމަކާއި، އެކުދިން ކުޅޭނެ ސަރަޙައްދުތަކާއި، ޕާޓީތަކަށާއި އެހެނިހެން ހަފްލާތަކަށްވެސް ބޭނުންކުރެވޭނޭހެން ޓެރަސްވެސް ތަރައްޤީ ކޮށްފައިވެއެވެ. img:http://s3.psmnews.mv/images/660x400/14774044778440.jpg|ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން - ފޮޓޯ: ޕީއެސްއެމް

ޓާޓާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، ސަރުކާރާއި ފްލެޓްތައް ޙަވާލުކުރެއްވުމާއެކު، ފްލެޓްތައް އާއްމުންނަށް ދޫކުރުމުގެ ކަންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއި ސަރުކާރުން ވަނީ ޙަވާލު ކުރައްވާފައެވެ. އެގޮތުން ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށި ބިމުގައި ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ 288 ފްލެޓްގެ ތެރެއިން 266 ފްލެޓަކަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިހާރު ވަނީ ބާއްވާފައެވެ. ގުރުއަތުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ ސީނިއަރ އެސްޓޭޓް އޮފިސަރ ޝާޒިމް ސަޢީދު ވިދާޅުވީ، ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި މި ބޭއްވުނު ގުރުއަތުލުމުން އެފަރާތްތަކަށް ލިބެނީ ކޮން އެޕާޓްމެންޓެއްކަން ކަނޑައެޅިފައިވާ ކަމަށާއި އަދި މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ގުރުއަތުލުމަށް ރަޖިސްޓްރީވި ފަރާތްތަކާއި، ރަޖިސްޓްރީ ނުވެވުނަސް، ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތައްވެސް ހިމެނޭހެން ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގަވާ މަޝްރޫޢުގެ ތެރެއިން އިމާރާތްކުރައްވާފައިވާ ޓާޓާ ފްލެޓްތަކަށް ލިބުނު ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި، ޕެންޝަން ފަންޑުމެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާކެޓް ވެލިއުއަށްވުރެ ދަށް އަގެއްކަމަށް އެޗް.ޑީ.ސީއިން ވަނީ ވިދާޅުވެފައެވެ. އަދި އަގުތައް ވަރަށް އަވަހަށް ޢާއްމުކުރައްވާނެ ކަމަށްވެސް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.