މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު 2026 ގެ ފިރިހެން ޑިވިޝަނުގައި ވ. ފެލިދޫ އާއި ތ. ހިރިލަންދޫ އިން ކުޅުނު މެޗުތައް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕޫލް އޭގައި އޮތް ފެލިދޫއިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ލ. ފޮނަދޫ އަށް ވެސް ހަ ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގައި އޮތް ހަނިމާދޫ އާއި ހަތަރުވަނައިގައި އޮތް މާފުށި އަށް ޕޮއިންޓެއް މިހާތަނަށް ނުލިބެއެވެ.
ޕޫލް ބީ އިން ހިރިލަންދޫ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ދެވަނަ މެޗުގައި ކ. ތުލުސްދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. ހިރިލަންދޫ އިން ކުޅުނު ފުރަތަމަ މެޗުގައި ބ. ގޮއިދޫ އަތުން ބަލިވީ 3-2 ސެޓުންނެވެ. މި ގްރޫޕްގެ އެއްވަނައިގައި ގޮއިދޫ އޮތީ ދެ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ހިރިލަންދޫ އަށް ދެ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.
ބުދަ ދުވަހު ހަވީރު ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި މާފުށިއާ ދެކޮޅަށް ފެލިދޫ އިން ނުކުތްއިރު، މި މެޗު ފެލިދޫ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ވަރުގަދަ ސްކޮޑަކާއެކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ފެލިދޫ މި މެޗުގައި ވެސް ފެނިގެންދިޔައީ ފަސޭހަކޮށް ކުޅުނު ތަނެވެ. މި މެޗުގެ ސެޓުތައް ފެލިދޫ އިން ގެންދިޔައީ 25-18، 25-11 އަދި 25-19 އިންނެވެ.
މީގެ އިތުރުން ބުދަ ދުވަހުގެރޭ ހިރިލަންދޫ އިން ތުލުސްދޫގެ މައްޗަށް ކުރި ހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ހިރިލަންދޫ ވަރުގަދަކޮށް ފެނިގެންދިޔައިރު، މި ދެ ސެޓު އެ ޓީމުން ގެންދިޔައީ 25-20 އަދި 25-19 އިންނެވެ. މެޗުގެ ތިންވަނަ ސެޓުގައި ތުލުސްދޫ އިން ކުޅުން ރަނގަޅުކޮށް ސެޓުގެ ބޮޑުބައި ލީޑުކޮށްގެން ކުޅެފައިވެއެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ހެދި ގޯސްތަކުގެ ފައިދާ ނަގާ ހިރިލަންދޫ އިން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.
މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ހދ. ހަނިމާދޫ އިން ނުކުންނާނީ ކ. މާފުށިއާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ވ. ފެލިދޫ އިން ނުކުންނާނީ ލ. ފޮނަދޫއާ ދެކޮޅަށެވެ.