ވިޔަފާރި

ދިވެހި އިންޝުއަރަންސް ކުންފުނީގެ ޙިދުމަތް އިފްތިތާޙުކޮށްފި


ދިވެހި އިންޝުއަރަންސް ކުންފުނީގެ ޚިިދުމަތް ރަސްމީކޮށް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

ދިވެހި އިންޝުއަރަންސް ކުންފުނީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. ދިވެހިރާއްޖޭގެ މާލީ ދާއިރާގައި މިއަދު ޚިދުމަތް ފެށި ދިވެހި އިންޝުއަރަންސް ކުންފުންޏާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ވާހިދު ވިދާޅުވީ، ދިވެހި އިންޝުއަރެންސް ކުންފުނީގެ ޚިދުމަތް މިއަދު ފެށިއިރު، އެކުންފުންޏަކީ ސައްތައިން ސައްތަ ދިވެހިން ހިމެނޭ ކުންފުންޏެއްކަމަށެވެ. 

މިގޮތުން މިކަމަކީ އެކުންފުނިން ފަޚުރުވެރިވާ ކަމެއްކަމަށާއި، ދިވެހިރާއްޖޭގެ މާލީ ދާއިރާ ވަރުގަދަ ކުރެވޭނީ ދިވެހި ކުންފުނިތައް މާކެޓަށް ނިކުންނަ އަދަދު ގިނަވެގެންކަން ފާހަގަކުރެއްވިއެވެ. ވާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޝުއަރަންސް މާކެޓް ދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންކަމަށެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތައް ރާއްޖޭގެ މާކެޓަށް ނިކުންނަ ފަދައިން ރާއްޖޭގެ ކުންފުނިތައްވެސް ރާއްޖެއިން ބޭރުގެ މާކެޓަށް ނިކުންނަން ޖެހޭކަން ފާހަގަކުރައްވަމުން ވާހިދު ވިދާޅުވީ ދިވެހި އިންޝުއަރެންސް ކުންފުނީގެ އަމާޒަކީ ބައިނަލްއަޤްވާމީ މާކެޓަށްވެސް ނިކުތުންކަމަށެވެ.

img:http://s4.psmnews.mv/images/660x400/14773866526503.jpg|ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދިވެހި އިންޝިއުރަންސް ކުންފުންޏަށް އިންޝުއަރަންސް ގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވަނީ މިއަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ. ދިވެހި އިންޝުއަރަންސް ކުންފުނިން ބުނީ އާއްމުކޮށް އިންޝުއަރެންސް ކުންފުންޏަކުން ދޭ އިންޝުއަރެންސްގެ ހުރިހާ ހިދުމަތްތައް އެކުންފުނިން ފޯރުކޮށްދޭނޭކަމަށެވެ. ދިވެހި އިންޝުއަރަންސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަހުމަދު ޒުހޫރާއި، މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ އަޒީމާ އާދަމްގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.