ކުޅިވަރު

ކޯޗަސްގެ ޗެއާރމަންކަމަށް އަދީލް، ރެފްރީޒް ޗެއާރމަންކަމަށް ނާޝިދު


ވޮލީ ބޯލް އެސޯސިއޭޝަންގެ ކޯޗާރސް ކޮމިޝަންގެ ޗެއާރމަން ކަމަށް އަހުމަދު އަދީލް އަދި ރެފްރީޒް ކޮމިޝަންގެ ޗެއަރމަން ކަމަށް އަހުމަދު ނާޝިދު އިންތިޚާބު ކޮށްފިއެވެ. ރޭ ޒުވާނުންގެ މަރުކަޒުގެ ސެމީނާ ރޫމްގައި ކުރިއަށްދިޔަ ވީއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗާރސް ކޮމިޝަންގެ ޗެއާރމަން ކަމަށް އަހުމަދު އަދީލް ހޮވިފައިވަނީ އިބްރާހީމް ޝިހާމްއާ ވާދަކޮށްގެންނެވެ. އަދީލްއަށް 17 ވޯޓް ލިބިފައިވާއިރު، ޝިހާމްއަށް ލިބިފައިވަނީ 10 ވޯޓްއެވެ. ރެފްރީޒް ކޮމިޝަންގެ ޗެއާރމަން ކަމަށް އަހުމަދު ނާޝިދު އެކަނި ކުރިމަތިލާފައިވުމުން، އެ މަޤާމަށް ހޮވުމަށް ނެގި ފެންނަ ނުފެންނަ ވޯޓްގައި ފެންނަ ކަމަށް 32 ވޯޓް ލިބިފައިވާއިރު، ނުފެންނަ ކަމަށް 1 ވޯޓް ލިބިފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/14773830108018.jpg|ވީއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް (ފޮޓޯ: ޕީއެސްއެމް-ވަހީދު)

ކޯޗަސް ކޮމިޝަންގެ މެންބަރުކަމަށް 10 ފަރާތަކުން ކުރިމަތިލާފައިވާއިރު، މި ކޮމިޝަންއަށް އިންތިޚާބު ކޮށްފައިވަނީ 6 މެންބަރުންނެވެ. ކޯޗާރސް ކޮމިޝަންއަށް އިންތިޚާބު ކޮށްފައިވަނީ ފަތުޙު ﷲ ވަހީދު، އަބްދުއް ސަލާމް، ނިޒާރު އިބްރާހީމް، އަހުމަދު މިހާދު، އާމިނަތު ޒީނާ އަދި މުމްތާޒު އަލީއެވެ. މި ކޮމިޝަންއަށް އިންތިޚާބު ކޮށްފައިވާ މެބްބަރުންގެ ތެރެއިން ފަތުޙު ﷲ ވަހީދަށް 16 ވޯޓް، އަބްދުއް ސަލާމްއަށް 16 ވޯޓް، ނިޒާރު އިބްރާހީމްއަށް 20 ވޯޓް، އަހުމަދު މިހާދުއަށް 16 ވޯޓް، އާމިނަތު ޒީނާއަށް 23 ވޯޓް އަދި މުމްތާޒު އަލީއަށް 17 ވޯޓް ލިބިފައިވެއެވެ. ކޯޗަސް ކޮމިޝަންގެ މެންބަރުން އިންތިޚާބު ކުރުމަށް ނެގި ވޯޓްގައި 27 ކޯޗުންވަނީ ވޯޓުދީފައެވެ.

img:http://s1.psmnews.mv/images/660x400/14773826658898.jpg|ވީއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް (ފޮޓޯ: ޕީއެސްއެމް-ވަހީދު)

ކޯޗަސް ކޮމިޝަންއަށް ނުހޮވުނު މެންބަރުންގެ ތެރެއިން އިބްރާހީމް ޖަލީލްއަށް 14 ވޯޓް، އިބްރާހީމް ވިޝާމްއަށް 3 ވޯޓް، އައިޝަތު ނާޒިމާ 14 ވޯޓް، އަދި މުޙައްމަދު ފައިސަލްއަށް 15 ވޯޓް ލިބިފައިވެއެވެ. ކޯޗަސް ކޮމިޝަންއަށް 10 މެންބަރުން ކުރިމަތިލާފައިވެއެވެ.  

img:http://s1.psmnews.mv/images/660x400/14773827339617.jpg|ވީއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް (ފޮޓޯ: ޕީއެސްއެމް-ވަހީދު)

ރެފްރީޒް ކޮމިޝަންގެ މެންބަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ މުހައްމަދު ހަމީދު، ސޮއްފާން އަޙުމަދު، އިސްމާޢީލް ރަޝީދު، ހައްވާ އަބްދުލް މަޖީދު، މުހައްމަދު އަނީސް އަދި އާއިދާ އަބްދުލް ހަކީމްއެވެ. މި ކޮމިޝަންއަށް 7 ފަރާތަކުން ކުރިމަތިލާފައިވާއިރު ރެފްރީޒް ކޮމިޝަންއަށް އިންތިޚާބު ކޮށްފައިވަނީ 6 ފަރާތެކެވެ. އިންތީޚާބުވި މެންބަރުންގެ ތެރެއިން މުހައްމަދު ހަމީދުއަށް 29 ވޯޓް، ސޮއްފާން އަހުމަދުއަށް 23 ވޯޓް، އިސްމާޢީލް ރަޝީދުއަށް 24 ވޯޓް، ހައްވާ އަބްދުލް މަޖީދުއަށް 19 ވޯޓް، މުހައްމަދު އަނީސްއަށް 29 ވޯޓް އަދި އާއިދާ އަބްދުލް ހަކީމްއަށް ލިބިފައިވަނީ 19 ވޯޓެވެ. މި ކޮމިޝަނަށް ހޮވިފައިނުވާ މައުމޫރު މުހައްމަދަށް ލިބިފައިވަނީ 17 ވޯޓެވެ. ރެފްރީޒް ކޮމިޝަންއަށް ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ 33 ރެފްރީއަކު ވޯޓްދީފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14773826889368.jpg|ވީއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް (ފޮޓޯ: ޕީއެސްއެމް-ވަހީދު)

ވޮލީ ބޯލް އެސޯސިއޭޝަންގެ ބީޗް ކޮމިޝަންގެ މެންބަރުކަމަށް ހޮވިފައިވަނީ ހުސެއިން ނައީމް އާ އަހުމަދު އިބްރާހީމްއެވެ. ޙުސައިން ނައީމްއަށް 8 ވޯޓް ލިބިފައިވާއިރު، އަޙުމަދު އިބްރާހީމްއަށް 6 ވޯޓް ލިބިފައިވެއެވެ. ބީޗް ކޮމިޝަންއަށް ދެން ކުރިމަތިލާފައިވާ އަލީ އަޝްރަފްއަށް ލިބިފައިވަނީ 5 ވޯޓް އަދި މުމްތާޒު އަލީއަށް ލިބިފައިވަނީ 1 ވޯޓްއެވެ. މި ކޮމިޝަންއަށް ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ 10 ފަރާތަކުން ވޯޓްދީފައިވެއެވެ.