އަންނަ އޮކްޓޫބަރު މަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިޔާގައި ކުޅެން ހަމަޖައްސާފައިވާ މެޗާ މެދު އިންޑޔާގެ ފުޓްބޯޅަ ތަރިން ނުހުން ފާޅު ކުރަން ފަށައިފި އެވެ.
މި ގޮތުން މިކަމާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާފައިވާ އެއް ކުޅުންތެރިއަކީ ކުރީގެ ކެޕްޓަން އަދި އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެކްސްކޯ މެމްބަރު ބައިޗުން ބުޓިޔާ އެވެ. އޭނާގެ މައިގަނޑު އޮތީ ދެ ކަންބޮޑުވުމެކެވެ.
ފުރަތަމަ ކަމަކީ މެޗު ކުޅޭ ތާރީހެވެ. ބުޓީޔާ ދެކެ ގޮތުގައި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު މެޗު ކުޅޭނަމަ އިންޑިޔާގެ އެންމެ މޮޅު ކުޅުންތެރިންނަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު ލިބުން ދުރެވެ. ސަބަބަކީ އާސިއާން ޗެމްޕިއަންޝިޕުގައި މި ދުވަސްވަރު އިންޑިޔާ ކުޅެން ޖެހޭތީ އެވެ. އޭނާގެ ދެ ވަނަ ކަންބޮޑުވުމަކީ އިންޑިޔާގެ ފުޓްބޯޅައިގެ ހާލަތު ހާއްސަކޮށް މާލީ ގޮތުން ދަތި ދުވަސްވަރެއްގައި މި މެޗު ކުޅުވުމެވެ.
"އަހަރެން ބްރެޒިލް ޓީމު އިންޑިޔާ އަށް އައުމާ ދެކޮޅެއްނޫން. އެކަމަކު މިއީ ފުޓްބޯޅައިގެ އޮނިގަނޑު ރަނގަޅަށް އަލުން ރާވާލަންވީ ވަގުތު. އެހެންވީމާ އަހަރެންނަށް މިކަން ސިފަ ކުރެވެނީ ކާނެ އެއްޗެއް ވެސް ނުލިބޭ ހާލުގައި ތިބި އާއިލާއަކުން އެ މީހުންގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ނަށަން ޝާހްރުކްޚާން (އިންޑިޔާގެ މަޝްހޫރު ފިލްމް ސްޓާރު) ގެނައުން ފަދަ ކަމެއްގެ ގޮތުގައި،" ބުޓިޔާ ބުންޏެވެ.
އޭނާގެ އިތުރުން އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ވެސް ވަނީ މިކަމާ ފާޑުކިޔައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކެޕްޓަން ބުނީ މިވަގުތަކީ އިންޑިޔާއިން ފައިދާހުރި ކަންކަމަށް ވިސްނަންވީ ވަގުތު ކަމަށެވެ.
އިންޑިޔާ އަށް ހުސްވި އަހަރު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ވެސް ގެންދިޔަ އެވެ. ނަމަވެސް އޭނާ ބަލަން ޓިކެޓް ގަތް އެތައް ބަޔަކަށް މެސީ ރަނގަޅަށް ނުފެނުމުގެ މައްސަލަ ޖެހި ސްޓޭޑިއަމުގައި ބޮޑު ހަޅުތާލެއް ވެސް ކުރިއަށްދިޔަ އެވެ.