މިސައިލް ހަމަލާތަކުން ޔަހޫދީ ދައުލަތް އިތުރަށް ރައްކާތެރިކޮށްދިނުމުގެ ޤާބިލުކަން މިހާރު ލިބިފައި ނުވާ ކަމަށް ވިލާތުގައި ޙަރަކާތްތެރިވާ އެމެރިކާގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު، ޖެނެރަލް އެލެކްސަސް ގްރިންކެވިޗް އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއަށް އަންގައިފިއެވެ.
އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުން މެޑިޓެރޭނިއަން ސަރަޙައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ބެލެހެއްޓުމުގެ އިތުރުން ނޭޓޯގެ ސަރަޙައްދުތަކުގައި ތައްޔާރީ ޙާލަތުގައި ޙަރަކާތްތެރިވެއެވެ. ޔޫރަޕިއަން ކޮމާންޑުން ފަސް ޑިސްޓްރޯޔަރ މަނަވަރު ބޭނުންކުރެއެވެ. މަނަވަރުގެ ޢަދަދު މި އަހަރުގެ ތެރޭގައި ހަޔަކަށް އިތުރުކުރުމަށް ވެސް ނިންމާފައިވެއެވެ. ނަމަވެސް އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބަުން އެ މަނަވަރުތައް ބެލެހެއްޓުމުގައި ދަތިތައް ކުރިމަތިވެ، އެ އުޅަނދުތައް ބޭނުން ކުރެވޭ މިންވަރަށް ބުރޫ އަރާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޔޫރަޕިއަން ކޮމާންޑުގެ އިސްވެރިޔާ ޕެންޓެގަންއަށް އަންގާފައި ވަނީ އިތުރު އަސްކަރީ މަނަވަރެއް ނެތި ޔަހޫދީން ދިފާޢުކޮށްދެވެން ނެތް ކަމަށެވެ. އިތުރު މަނަވަރެއް ނެތް ޙާލަތުގައި އިސްކަން ދެއްވާނީ އެމެރިކާގެ ދިފާޢުއަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ދިފާޢީ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ ވަސީލަތްތައް މަދުވެ އަސްކަރިއްޔާގެ ހިންގުމަށް ހިރާސްތައް ކުރިމަތިވާ ޙާލަތްތަކުގައި އަސްކަރިއްޔާއިން މި ފަދަ އިންޒާރުތައް ދިނުމަކީ އާންމު ކަމެއް ކަމަށެވެ. އެކި ސަރަޙައްދުތަކުގައި ޤާއިމްވެފައިވާ ފައުޖުތަކުން ވާދަ ކުރާނީ އެ ފައުޖަކަށް ބޭނުންވާ ސިފައިންނާއި ހަތިޔާރު ހޯދުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވިލާތުގައި ހުންނަވާ އިސް ކޮމާންޑަރު މި ފަދަ އިންޒާރެއް ދެއްވާފައި މި ވަނީ ފަސް މަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ މެދުއިރުމަތީގެ ހަނގުރާމަ އަނެއްކާ ވެސް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނާއި އެމެރިކާއާ ދެމެދު މީގެ ކުރިން ކުރަން ފަށާފައިވާ ޞުލްޙައިގެ މަޝްވަރާތައް ރޫޅި އަލުން ހަމަލާތައް ބަދަލުކުރަމުން ދާއިރު، ގިނަ ޢަދަދެއްގެ ހަމަލާތައް ދޭން ޖެހުމުގެ ސަބަބުން އެމެރިކާގެ މުހިންމު ދިފާޢީ ހަތިޔާރުގެ ސްޓޮކް މަދުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، އެ ޤައުމުގެ ބަނދަރުތަކުން ލަފާފުރާ ނުހެދޭހެން އީރާނުގެ އުޅަނދުތަކަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާފައެވެ. އޭގެ ސަބަބުން އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ. އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ޙަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުން ޔަހޫދީންގެ ދިފާޢުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއެވެ. އެ ގޮތުން އެ މަސައްކަތަށް ޒަމާނީ ރާޑަރުތަކާއި މިސައިލް ނިޒާމުތައް ބޭނުންކޮށް، އީރާނާއި ޔަމަނުގެ ޙޫޘީން އަމާޒުކުރާ ހަމަލާތަކުން ޔަހޫދީން ސަލާމަތްކޮށްދެއެވެ.