ސިޔާސީ

އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް


އެންމެ މެމްބަރުންގެ ގިނަ ޕާޓީގެ ގޮތުގައި ޕީޕީއެމް ކަނޑައަޅާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރައްވައިފިއެވެ.

އެ ކޮމިޝަނުން މިއަދު ޢާއްމުކުރައްވާފައިވަނީ މިމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް ޕާޓީތަކުގައި މެމްބަރުން ތިބި ޢަދަދެވެ. ސިޔާސީ ޕާޓީގެ ދަފުތަރު ދައްކާގޮތުން މިވަގުތު އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ. އެޕާޓީގައި ތިރީސް ހަތްހާސް ހަ ސަތޭކަ ތިރީސް ތިން (37633) މެމްބަރުން އެބަތިއްބެވެ. 2 ވަނައަށް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ. އެޕާޓީގެ މެމްބަރުންގެ ޢަދަދަކީ (27805) ހަތާވީސް ހާސް އަށްސަތޭކަ ފަހެކެވެ.

3 ވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ (10989) ދިހަ ހާސް ނުވަސަތޭކަ އަށްޑިހަ ނުވައެކެވެ. އެމްޑީއޭގައި (10584) ދިހަހާސް ފައްސަތޭކަ އަށްޑިހަ ހަތަރު މެމްބަރުން ތިބިއިރު އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދަކީ (7595) ހަތް ހާސް ފައްސަތޭކަ ނުވަދިހަ ފަހެކެވެ. އަދި ޑީއާރުޕީގެ މެމްބަރުންގެ އަދަދަކީ (3966) ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ހައެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު އާއްމުކުރި ސީޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ހިމަނާފައިވާނީ ސީޔާސީ ޕާޓީގެ ޤާނޫނާއި އެއްގޮތަށް އިނގިލީގެ ނިޝާން ޖަހާ ފޯމްތައް ހުށައަޅާފައިވާ ފަރާތްތައްކަމަށެވެ. ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދު އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބަރުއަރީ މަހުގެ އެކާވީސްވަނަދުވަހުއެވެ. އޭރުގެ ހިސާބުތައް ދައްކާގޮތުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ ސާޅީސް ހަހާސް ހަ ސަތޭކަ އަށެކެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ ތިރީސް ހަ ހާސް ދުއިސައްތަ ބައްތިރީހެވެ.